ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސިޔާސީ ޕާޓީތަކަށް މަޖިލިސް ތެރެއިން ގޮނޑި ހާއްސަކުރާގޮތަށް މަޖިލިސް އެތުރިފައިވާ ގޮތް ބަދަލުކުރަން ޑިމޮކްރެޓްސް ޕާޓީން ހުށަހަޅައިފިއެވެ.

އެ ޕާޓީން މިގޮތަށް ހުށަހެޅީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުން ނުވަތަ ވަކި އަދަދެއްގައި ހިފެހެއްޓުމާ ބެހޭގޮތުން މަޖިލީހުގެ މެންބަރުން ދެކޭގޮތް ހާމަކޮށް، އެކަމާ ބެހޭގޮތުން ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ ހިޔާލު ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މަޖިލީހަށް ހުށަހެޅުއްވި ގަރާރާ ބެހޭގޮތުން ބައެއް ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދުމަށް މިއަދު ބޭއްވި، ރައްޔިތުންގެ މަޖިލިހުގެ މިިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަވުމުގައެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑިމޮކްރެޓްސްގެ ނާއިބު ރައީސް އައިޝަތު އަލައިކާ އަދުނާން ވިދާޅުވީ، މަޖިލިސް މެންބަރުންގެ އަދަދު މަދުކުރަން އޭނާގެ ޕާޓީން ތާއީދުކުރާ ކަމަށެވެ. އެކަމާ ގުޅޭގޮތުން ޕާޓީގެ ސިޔާސަތު ހާމަކުރައްވަމުން އަލައިކާ ވިދާޅުވީ، މަޖިލިސް އިންތިހާބު ތެރޭގައި މަޖިލީހަށް މެންބަރުން ހޮވާއިރު ޕާޓީތަކަށް ސްލޮޓް ދިނުމަކީ މުހިއްމު ކަމެއް ކަމަށާއި، މައިނޯރިޓީއަށް ފުރުސަތު ދިނުމަށްޓަކައި އެއީ ކުރަންޖެހޭ ކަމެއް ކަމަށެވެ.

"އޭރުން ވޯޓިން ކަރުދާހުގައި ޕާޓީއަށް ވޯޓުލެވޭ ގޮތަށް ހަދާފައި، އަދި މެންބަރަކަށް ވޯޓުލެވޭ ގޮތް ހެދޭނެ. އެހެންވީމަ އެންޑް އޮފް ދަ ޑޭގަ ވޯޓިން ގުނާއިރު އެނގޭނެ ކޮންމެ ޕާޓީއަކަށްވެސް ލިބިފައިވާ ރެޕްރެޒެންޓޭޝަން. އޭރުން ޕާޓީތަކަށް އެބަ ލިބޭ އެމީހުން ރެޕްރެޒެންޓުކުރާނެ ސްލޮޓެއް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ސްލޮޓުތަކަށް ލަނީ ޕާޓީ ތަމްސީލުކުރާނެ މީހުން ކަމަށްވާތީ، އެކަމުގެ ސަބަބުން ފްލޯ ކްރޮސްކުރުން (މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުން) މައްސަލައަށްވެސް ހައްލު ލިބޭނެ ކަމަށެވެ. އެއީ މެންބަރު ބަދަލުވިޔަސް ޕާޓީގެ ސްލޮޓް ނުގެއްލޭނެތީ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތަށް ހެދުމުން ޕާޓީތަކަށް ހާއްސަކުރާ ގޮނޑިތަކަށް އައްޔަންކުރާނެ ބަޔަކު ކަނޑައަޅާނީ ސީދާ ޕާޓީން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.