މާލޭ ސިޓީކައުންސިލަށް އަލަށް އިންތިހާބުވި ތިން މެންބަރުން މަގާމުގެ ހުވާކުރައްވައިފިއެވެ.

މާލެ ސިޓީ ކައުންސިލާއި ކުޅުދުއްފުށި ސިޓީގެ އިތުރުން ތިން ރަށެއްގެ ކައުންސިލްތަކުން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިހާބުކުރުމަށް މިދިޔަ ޖުލައި މަހުގެ 20 ވަން ދުވަހު ބޭއްވި ބައި އިލެކްޝަނުގައި މާލޭގެ ތިން ގޮނޑި އާއި ކުޅުދުއްފުށި ސިޓީގެ ގޮނޑި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުން ވަނީ ކާމިޔާބުކުރައްވައިފައެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު ހ. މީރުމާގައެވެ. ތިން މެންބަރުންނަށްވެސް ހުވާލާދެއްވީ ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރު އެވެ.

މިއަދު މަގާމުގެ ހުވާކުރެއްވި ތިން މެންބަރުންނަކީ ހެންވޭރު ހުޅަނގު ދާއިރާއަށް ފާތިމަތު ޝައުފާ، މައްޗަންގޮޅި މެދު ދާއިރާއަށް ފާތިމަތު އިޝާން އަލީ އަދި ހުޅުމާލެ ދާއިރާ އަށް އަލީ އައިމަން އެވެ.

މި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މަގާމުތަކަށް ވޯޓުން އިންތިހާބު ކުރެވޭ ބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ ހިތްހަމަޖެހުމަކީ، އެމީހެއްގެ ގާބިލުކަމާއި އިހުލާސްތެރިކަން ގަބޫލުކުރާ، ގިނަ ބަޔަކު ތިބިކަން އިހުސާސްވުމުން ލިބޭ ހިތްހަމަޖެހުން ކަމަށެވެ.

"މީގެ ސަބަބުން މި ގާބިލުކަމާއި އިހުލާސްތެރިކަން ދެމެހެއްޓުމަށް ގަދައަޅައި މަސައްކަތް ކުރަން ޖެހޭ. ވެރިޔަކަށް ލިބިވަޑައިގެންފައި އޮންނަ އިޚުތިޔާރުގެ ދަށުން މަގާމަކަށް އައްޔަންކުރައްވާ ބޭފުޅަކަށް، މި އިހުސާސްއެއް ނުކުރެވޭނެ. އެހެން ކަމުން ރައްޔިތުންގެ އުއްމިދުތަކުގައި ހަގީގީ ކުލަ ޖެއްސުމަށް މަސައްކަތް ކޮށްދެއްވުމަށް، މިއަދު ހުވާކުރެއްވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާއެކު ހަނދާންކޮށްދެން" އާޒިމް ވިދާޅުވިއެވެ.

މާލޭގެ ކަންކަމުގައި ސިޔާސަތު ކަނޑައެޅުމުގައި އެހީތެރިކަމާއި އެއްބާރުލުންދީ ދާއިރާގެ ރައްޔިތުން ބޭނުންވާ އަދި ދަތިވާ ކަންކަން ދެނެގަނެ، ސިޓީ ކައުންސިލާއި ހަމައަށް އެކަންކަން ގެނެސް މަޝްވަރާކޮށް އެކަމުގެ ހައްލުތައް ހޯދުމަށް ތިން މެންބަރުންވެސް ގުޅިގެން މަސައްކަތްކޮށްދެއްވުމަށް ވެސް މިއަދު ހުވާ ކުރެއްވި މެންބަރުންގެ ކިބައިން އާޒިމް އެދިވަޑައިގެންނެވިއެވެ.