ނ.ފޮއްދޫ ސިއްހީ މަރުކަޒުކެ މަސައްކަތް ލަސްވެފައިވަނީ، ކުރީގެ ޑިޒައިން ކަމުނުގޮސްގެން އެތަން އަލުން ޑިޒައިން ކުރުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބުދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ނ.ފޮއްދޫ ހެލްތު ސެންޓަރުގެ މަސައްކަތް ފެށުމުގެ ގޮތުން މިހާތަނަށް ކުރެވިފައިވަނީ ކޮން ކަންތައްތަކެއްތޯ އާއި އެތަނުގެ މަލީ މަސައްކަތް ފަށައިގަތުމަށް ކިހާ ދުވަހެއް ނަގާނެތޯ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ކުރީގެ ސަރުކާރުން އެ މަަސައްކަތް ހަވާލު ކޮށްފައި ވަނީ 24.8 މިލިޔަންރުފިޔާއަށް ކަމަށެވެ. އެއީ އެ ވަރުގެ ސިއްހީ މަރުކަޒެއް ގާއިމްކުރަން ބޮޑުއަދަދަކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެ މަސައްކަތަށް ބަޖެޓްގައި ޖަހާފައިވަނީ 3.5 މިލިޔަން ރުފިޔާކަމުން އެއީ އެކަން ކުރެވޭވަރުގެ އަދަދެއްނޫން ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން އެ މަސައްކަތް ހަވާލުކޮށްފައިއޮތީ، ހިދުމަތްތަކަށް ބެލުމުގެ ބަދަލުގައި އެކަށީގެންވާގޮތަށް ޑިޒައިން ހެދިގެންނޫން ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންނަށް ލުއި ފަސޭހަގޮތަކަށް ހިދުމަތް ދިނުމަށް އެތަން ޑީޒައިންކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ލަސްވާން ދިމާވި ސަބަބުތަކުގެ ތެރޭގައި، އެތަނަށް ދީފައިވާ ބިމުގެ ރުއްގަނޑުގެ ބަދަލު ދިނުން ލަސްވުމުގެ މައްސަލަވެސް ހިމެނޭ ކަމަށެވެ. ނަމަވެސް މިހާރު އެކަންތައްތަކަށް ބަދަލު ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.