އުމުރުން ދުވަސްވީ މީހުންނަށް އަސާސީ ޕެންޝަނުގެ ގޮތުގައި 23،000 މީހުންނަށް ކޮންމެ މަހަކު 100 މިލިޔަން ރުފިޔާ ދޫކުރަމުން އަންނަ ކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.
ސަރުކާރުގެ ޕެންޝަންގައި މިހާރު ހިމެނެނީ މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމާއި، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ސްކީމެވެ. ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ސްކީމަކީ 65 އަހަރުގެ މީހުންނަށް ދޫކުރާ 5000 ރުފިޔާ އެވެ. ދެން ހިމެނެނީ ސިފައިންނާއި ފުލުހުންނާއި ކަސްޓަމްސް ހިމެނޭ ގޮތަށް ގާނޫނުގައި ކަނޑައަޅާފައިވާ ބައެއް މުއައްސަސާތަކުގެ ވަޒީފާގައި ހިމެނޭ ފަރާތްތައް ރިޓަޔާ ކުރުމުން ދޭ ޕެންޝަނެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް މައުލޫމާތު ދެއްވަމުން ޕެންޝަން އޮފީހުގެ ޑިރެކްޓާ އިންވެސްޓްމަންޓް އައިމިނަތު އިރާޝާ ވިދާޅުވީ، ރާއްޖޭގެ އާބާދީގެ 122،000 މީހުންނަކީ މަސައްކަތް ކުރާ މީހުންގެ އާބާދީ ކަމަށެވެ. އެހެންކަމުން މަހެއްގެ މައްޗަށް މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމަށް 143 މިލިއަން ރުފިޔާ ލިބޭ ކަމަށެވެ.
މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ފައިދާގެ ގޮތުގައި މިހާތަނަށް 5.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި ޕެންޝަން ސްކީމްގެ ފަންޑު ވެލިއު އަކީ 19 ބިލިއަން ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު