ޕެރިހުގައި ކުރިއަށްދާ އޮލިމްޕިކްސްގެ ބޮކްސިން އިވެންޓްގައި ރެފިއުޖީ ޓީމުގެ ސިންޑީ އެންގަމްބާ މެޑަލް ޔަގީންކޮށްފިއެވެ.
މީގެ ކުރިން ރެފިއުޖީ ޓީމުގެ އެތުލީޓަކަށް އޮލިމްޕިކްސް މެޑެއްޔެއް ލިބިފައިނުވާ އިރު، އުމުރުން 25 އަހަރުގެ އެންގަމްބާ މެޑަލް ޔަގީންކުރީ އަންހެން ބޮކްސިންގެ 75 ކިލޯ ކެޓަގަރީގެ ސެމީ ފައިނަލަށް ދަތުރުކޮށްގެންނެވެ. އޭނާ ސެމީއަށް ދިޔައީ ކުއާޓާ ފައިނަލް އިވެންޓްގައި އޮލިމްޕިކްސްއަށް ހަވަނައަށް ސީޑް ކޮށްފައި އޮތް ފްރާންސްގެ ޑެވީނާ މިޝެލް އަތުން މޮޅުވެގެންނެވެ.
ބޮކްސިން އިވެންޓްގެ ސެމީއަށް ދިޔުމާއެކު ޔަގީނުންވެސް ބްރޯންޒް މެޑަލެއް ލިބޭ އިރު، ކެމަރޫނަށް އުފަން ތެޅުންތެރިޔާ އެންގަމްބާއަށް ލިބުނީ ހާއްސަ ޝަރަފެކެވެ. ކެމަރޫނަށް އުފަންނަމަވެސް އެންގަމްބާ ވަނީ އުމުރުން އެންމެ 10 އަހަރުގައި އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލުކޮށްފައެވެ. އެހެން ނަމަވެސް އޭނާއަށް އިނގިރޭސި ޓީމުގައި ވާދައެއް ނުކުރެވެއެވެ. އެއީ އިނގިރޭސި ޕާސްޕޯޓެއް ނޯންނާތީއެވެ.
އެހެން ފުރުސަތު ގެއްލިފައި ހުރި އެންގަމްބާއަށް މިފަހަރު ލިބުނު މެޑަލްއާއެކު އޭނާ ބުނީ އޮލިމްޕިކްސް މެޑަލްއެއް ލިބުނު ފުރަތަމަ އެތުލީޓަށްވުމަކީ ލިބުނު ބޮޑު ހިތްހަމަ ޖެހުމެއް ކަމަށާއި، އޭނާއާ މެދު ތަފާތު ނަޒަރަކުން ނުދެކެން އެދޭ ކަމަށެވެ. "އަހަންނަކީވެސް އިންސާނެއް. އަދި އެހެން ރެފިއުޖީންނަކާ އެއްފަދަ ރެފިއުޖީއެއް،" ކަމަށް އެންގަމްބާ ބުންޏެވެ.
ރެފިއުޖީ އޮލިމްޕިކްސް ޓީމް ފުރަތަމަ ވާދަކުރީ 2016 ވަނަ އަހަރު ރިއޯގައި ބޭއްވި އޮލިމްޕިކްސްގައެވެ. ރޭ އަންގަމްބާ ހޯދި ކާމިޔާބީގެ ކުރިން އެޓީމަށް ލިބިފައި އޮތް އެންމެ ބޮޑު ކާމިޔާބީއަކީ ފަސްވަނައިގައި ދެ ފަހަރެއްގެ މަތިން ނިންމާލުމެވެ. އެއީ ޓޯކިޔޯގައި ހަމޫން ޑެރަފްޝިޕޯ ކަރާޓީން ހޯދި ކާމިޔާބީއަކާއި، ކިމިއާ އަލްޒާދޭ ޓައިކްވޯންޑޯއިން ހޯދި ކާމިޔާބެކެވެ.
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް