ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ އެއްވުންތަކާ ގުޅިގެން، ބަންގްލަދޭޝްގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހީން މި ދުވަސްވަރު އިތުރަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ބަންގްލަދޭޝްގައި މިހާރު ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކޮށްފައިވާ ދިވެހީންގެ ހާލު، އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން އަންނަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ. ބަންގްލަދޭޝްގެ ޗިޓަގޮންގްގައި ތިބި 83 ދަރިވަރުންނާއި ޑާކާގައި ތިބި ހަތް ދަރިވަރުންނާއި ކޮމިލާގައި ހުރި ދަރިވަރަކަށް، ހައި ކޮމިޝަނުން އަންނަނީ ގަވައިދުން ގުޅައި ހާލު ބަލަމުން ކަމަށް ވެސް ބުނެފައިވެއެވެ.

"މި ދަރިވަރުންނާއެކު، ބަންގްލަދޭޝްގައި މި ވަގުތު ތިބިކަމަށް ހައިކޮމިޝަނަށް މައުލޫމާތު ލިބިފައިވާ 119 ދިވެހި ރައްޔިތުންގެ ހާލު ޖުމުލަ ގޮތެއްގައި ރަނގަޅުކަމަށް ހައިކޮމިޝަނުން ވަނީ މައުލޫމާތު ދެއްވާފައެވެ" ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި ވަގުތު ބަންގްލަދޭޝްގައި ބައެއް ވަގުތުތަކުގައި ކާފިއު އިއުލާން ކޮށްފައިވުމުން، އެ ގައުމުގެ ސަރުކާރުން އިރުޝާދު ދީފައިވާ ގޮތަށް، ބޭރަށް ނުކުމެ ނޫޅުމަށާއި އެ ގައުމުގެ ސަރުކާރާއި އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް ދިވެހީންނަށް އިލްތިމާސްކުރާ ކަމަށެވެ.

މީގެ އިތުރުން ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުން ނަމަ، އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނާ ގުޅުމަށް ފޮރިން މިނިސްޓްރީން އެދެއެވެ.

  • +8801730356500
  • +8801329748885

ފޮރިން މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 7983400 އަށްވެސް ގުޅޭނެ ކަމަށެވެ.