މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (ގޭސް މާނު) އެނބުރި ވަޑައިގަތުމާ އެކު ފުރުން މަނާކޮށް، ކަމާބެހޭ އިދާރާތަކުގައި އޮތް އޭނާގެ މައްސަލަތައް ތަހުގީގު ކުރަން ފަށައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގޭސްގެ އެމްޑީއަކަށް ހުންނެވި މާނު އެ ވެރިކަން ބަދަލުވުމާއެކު ވަނީ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރައްވައިފައެވެ. އޭނާ ފުރާވަޑައިގަތީ ބޮޑެތި ތުހުމަތުތަކަކާއެކު މައްސަލަތަކެއް އޭސީސީއަށް ހުށަހަޅާފައި އޮތުމުން ފުރުން މަނާކުރުމުގެ އަމުރަކަށް އެ ކޮމިޝަނުން ކޯޓުގައި އެދިފައި އޮއްވައެވެ.
ނަމަވެސް އޭސީސީން ތަހުގީގު ނިންމައި މާނުގެ މައްޗަށް ދައުވާ އުފުލައިދޭން އެދި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިއެވެ. އަދި އެ މައްސަލަތައް ބެލުމަށްފަހު މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި މާނުގެ މައްޗަށް ރިޝްވަތުގެ ހަތް ދައުވާއެއް އުފުލިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މާނު ރާއްޖެ ވަޑައިގަތީ މިއަދު އެވެ. އެއާއެކު އޭނާގެ ޕާސްޕޯޓް މިހާރު ވަނީ ހިފަހައްޓައިފަ އެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާކަން އެ އިދާރާއިން ކަށަވަރުކޮށްދެއެވެ.
މާނުގެ މައްޗަށް އޭސީސީން ދައުވާކޮށްދޭން އެދުނީ ގޭހުގެ އެމްޑީގެ މަގާމުގައި ހުންނެވި އިރު، އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި މާނު ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން 3,106,189.38ރ. ނެގި ކަމަށް ތުހުމަތުވާ މައްސަލައިގައެވެ.
އެ މައްސަލައިގައި މާނުގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ކުށެއް ކުރަން އެދުމުގެ ދައުވާ އާއި ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ.
އަދި މި މައްސަލައިގައި ހިމެނޭ 3,106,189 ރުފިޔާ އަނބުރާ ހޯދުމަށް ވެސް އޭސީސީން ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު