އަވައްޓެރި ބަންގްލަދޭޝްގައި ސީރިއަސް ހަމަނުޖެހުންތަކެއް ފެށިގެން ކުރިއަށްދާތާ ގާތްގަޑަކަށް އެއްމަސް ވަނީއެވެ. އެންމެ ފުރަތަމަ ހަމަނުޖެހުންތައް ފެށުނީ ސަރުކާރުގެ ވަޒީފާތައް ހަމަޖައްސައިދިނުމުގައި ޒަމާނުއްސުރެ އަމަލުކުރާ ކޯޓާ ސިސްޓަމް އުވައިލުމަށްއެދި ކިޔަވާކުދިން މަގުތަކަށް ނުކުތުމުންނެވެ. ހަޅުތާލުތައް މައިތިރިކުރުމަށް ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެފައެވެ. ހަޅުތާލުތައް މިހާރުވަނީ އެހެން ގޮތަކަށް އެނބުރިފައެވެ. މިހާރު ފެންނަނީ ކުރިއަށްވުރެ މަސްރަހު ނާމާންވެ ހަޅުތާލުތަކުގެ މަގުސަދުވެސް ބަދަލުވެފައިވާ މަންޒަރެވެ. މިހާރު ހަޅުތާލުކުރަނީ ކޯޓާ ސިސްޓަމް އުވައިލުމަށް ބާރުއެޅުމަކަށް ނޫނެވެ. މިހާރު ހަޅުތާލު ކުރަމުންދަނީ ބޮޑުވަޒީރު ޝައިޚު ހަސީނާގެ ސަރުކާރު ވައްޓައިލުމަށެވެ. މިހާރު ހަޅުތާލަށް ނުކުމެތިބީ ހަމައެކަނި ކިޔަވާކުދިންނެއް ނޫނެވެ. މިހާރު ނުކުމެ އެތިބީ ހުރިހާ އުމުރެއްގެ ހުރިހާ ގިންތިއެއްގެ އާއްމުންނެވެ. މަގުތަކާއި މައިދާންތަކަށް ނުކުމެ މިހާރު އެތިބީ އެތައް މިލިޔަން ބައެކެވެ.
ހަލުތާލުކުރާ މީހުންގެ މަގުސަދަކީ ވެވުނު ކޮންމެ ގޮތަކުންވިޔަސް ހަސީނާގެ ވެރިކަން ނިމުމަކަށް ގެނައުމެވެ. ކޮންމެ އަގެެއް އަދާކުރަން ޖެހުނުކަމަށްވިޔަސްމެއެވެ. ހަޅުތާލުތައް ކުރިއަށްދަނީ ހަމައެކަނި ވެރިރަށް ޑާކާއަކު ނޫނެވެ. ބޮޑެތި ހުރިހާ ސިޓީއެއްގައެވެ. ގައުމުގެ ހުޅަނގު ބިތުން މަގޫރާގައެވެ. ދެކުނުން ބަރިސާލާއި ފެނީގައެވެ. އިރުމަތިން ކޮމީލާއާއި ޗިޓަގޮންގައެވެ. ހުރިހާ ދިމާލަކުންވެސް ފެންނަނީ ހުޅުޖެހުމާއި ވީރާނާ ކުރުމެވެ. ކުރިމަތިލުންތަކާއި ލޭ އޮހޮރުވުންތަކެވެ. ހަޅުތާލުކުރާ މީހުން ފުލުސް މަރުކަޒުތަކަށް ވަދެ އެތަންތަން އަންދައި ފުލުހުންނަށް ހަމަލަދީ ފުލުހުންގެ ތެރެއިންވެސް ގިނަ އަދަދެއްގެ ބަޔަކު މަރައިފިއެވެ. ފުލުހުންނާއި ސިފައިން ބަޑިޖެހުމުގެ ސަބަބުން ފާއިތުވި ދެ ދުވަހުގެ ތެރޭގައި އެކަނިވެސް އާއްމުންގެ ތެރެއިން މަދުވެގެން ފަސްދޮޅަހަކަަަށް މީހުން ވަނީ މަރުވެފައެވެ. ޒަޚަމްވި މީހުންގެ އަދަދު އެތައް ހާހެކެވެ. މުޅި ގައުމު ވަނީ ހުއްޓުމަކަށް އައިސްފައެވެ. ޚިދުމަތްތައް ވަނީ ކެނޑިފައެވެ.
ހަޅުތާލުކުރާ މީހުންގެ އަމާޒަކީ ސަރުކާރު ބަދަލުކުރުންކަން ކަށަވަރުވީ ހިސާބުން ބޮޑުވަޒީރު ޝައިޚު ހަސީނާގެ ބަސްމަގު ވަނީ ހަރުކަށިވެފައެވެ. ސަލާމަތީ ބާރުތަކުގެ އަމަލުތައްވެސް ވަނީ ކުރިއަށްވުރެ އެތައް ގުނައެއް ހަރުކަށިވެފައެވެ. އިންޒާރަކާ ނުލައި ބަޑިޖެހުމާއި ކޯޓު އަމުރަކާ ނުލައި މީހުން ހައްޔަރު ކުރުމަކީ އާއްމު ކަމަކަށް ވެއްޖެއެވެ. ހައްޔަރު ކުރެވިފައިވާ މީހުންގެ އަދަދު ލައްކައަކާ ގާތްކުރެއެވެ. އާއްމުންގެ ތެރެއިން އެންމެ ގިނަބަޔަކު މަރުވީ ފުލުހުންނާ ސިފައިން ބަޑިޖެހުމުގެ ސަބަބުންނެވެ. ކޮންމެ މަރަކާއެކު ހަޅުތާލުތަކަށް ލިބެނީ އިތުރު ދިރުމެކެވެ. ދެން ހަޅުތާލުތަކާ ގުޅެނީ މަރުވި މީހާގެ އާއިލާގެ އެންމެހައި މެންބަރުންނެވެ. ބަންގްލަދޭޝްގެ އެކި ކަންކޮޅުތަކުން އެތައް މިލިޔަން ބަޔަކު މިހާރު ވަނީ ވެރިރަށް ޑާކާއަށް ދިއުމުގެ ދަތުރު ފަށައިފައެވެ. އެއީ ޑާކާގައި ހަޅުތާލުކުރާ މީހުންނާ ބައިވެރިވުމަށާއި ޑާކާ ހިސާރު ކުރުމުގެ ގޮތުންނެވެ. މިއެންމެން މި ހަފުތާގައި ޑާކާއަށް ޖަމާވާނެއެވެ. މިހިސާބަށް ކަންކަން ދިއުމުންވެސް ބޮޑުވަޒީރު ހަސީނާގެ ހަރުކަށިކަން ކުޑައެއް ނުވެއެވެ.
ހަސީނާގެ ހަރުކަށިކަން ދަނީ މައްޗަށެވެ. މިހާރު އެކަމަނާ އެބަވިދާޅުވެއެވެ. ހަޅުތާލު ކުރަނީ ކިޔަވާކުދިންނެއް ނޫނެވެ. ނުކިޔަވާ ކުދިންނެވެ. މީހުންނެވެ. އެއީ ގައުމުގެ ދުޝްމަނުންނެވެ. ރައްޔިތުންގެ ހަތުރުންނެވެ. އެމީހުންނާމެދު ދެން ކަންކަން ނިންމާނީ ރައްޔިތުން ނުކުމެ މުލައްދަނޑިންނެވެ. ނުވަތަ ރައްޔިތުން ބޭނުންވާ ބީދައިން އެކަންކަން ތަންފީޒުކުރާނީ ސަލާމަތީ ބާރުތަކުންނެވެ. މޫނަކަށް ކަނދުރާއަކަށް ނުބަލައި އިންސާފު ގާއިމުކުރާނަމެވެ. ރައްޔިތުންނޭ އެކަމަނާ އެވިދާޅުވަނީ އެކަމަނާގެ ޕާޓީކަމަށްވާ އަވާމީ ލީގުގެ މެންބަރުންނާއި އެ ޕާޓީއަށް ތާއީދުކުރާ މީހުންނަށެވެ. ގައުމާއި ރައްޔިތުންގެ ދުޝްމަނުންނޭ އެވިދާޅުވަނީ ކުރީގެ ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިއާގެ ބީއެންޕީގެ މެންބަރުންނާއި އެ ޕާޓީގެ ސަޕޯޓަރުންނަށެވެ. ކިޔަވާކުދިންގެ ހަޅުތާލުތައް ފެށުމާއެކު މިކަމަށް އެންމެ ފުރަތަމަ ތާއީދުކުރީ ބީއެންޕީންނެވެ.
ހަޅުތާލުތަކުގައި ސިޔާސީ ކުލަޖެހި ހަސީނާގެ ސަރުކާރު ވައްޓައިލުމުގެ ހަރަކާތަކަށް ބަދަލުވުމުން ބީއެންޕީގެ ބައިވެރިވުން ވަނީ ކުރިއަށްވުރެވެސް އިތުރުވެފައެވެ. ހަރުކަށިކަން ކުރިއަށް ނެރެގެން މުލައްދަނޑީގެ ބާރުގައި މިކަންކަން މައިތިރިކުރެވިދާނެ ކަމަށް ހަސީނާއަށް ލަފާދެނީ ކޮންބައެއްކަމެއް ނޭނގެއެވެ. އެނގޭ އެއްޗަކީ ހަރުކަށިކަން އިތުރުކުރުމަކީ އަލިފާނަށް ދަރުއެޅުމެއް ކަމެވެ. ހަޅުތާލުކުރާ މީހުން ތަޅައި ރޯނާގެންނެވުމަށް އެންމެ ފުރަތަމަ މަގުތަކަށް ނެރުނީ ހަސީނާގެ ޕާޓީގެ އެކްޓިވިސްޓުންނެވެ. ނަމުގައި އަވާމީ ލީގުގެ ކިޔަވާކުދިންގެ ގޮފީގެ މެންބަރުންނެވެ. އިދިކޮޅު މީހުންގެ އަދަދު ގިނަކަމުން މިދެންނެވި ގޮފީގެ އެކްޓިވިސްޓުން ބަލިވެ ގޭގެއަށްވަދެ ބޮނދައިފިއެވެ. ދެން ނެރުނީ ހަތިޔާރާއެކު ފުލުހުންނާއި ސިފައިންނެވެ. ހަސީނާގެ ސަރުކާރާ ދެކޮޅު މީހުން މައިތިރިކުރުމަށްޓަކައި އަމިއްލަ ފުރާނަ ގުރުބާންކުރަން މިއަދު ޖެހިފައިވަނީ ފުލުހުންނާއި ސިފައިންނަށެވެ. މިކަން ކުރިއަށްދާނީ ކިހާދުވަހަކަށް ކަމެެއް ނޭނގެއެވެ.
ސަރުކާރަށް ހީވަނީކަން ނޭނގެއެވެ. ހަޅުތާލުކުރުމަކީ ބަންގްލަދޭޝްއަށް އައުކަމެއް ނޫނެވެ. ހަސީނާއަށްވެސް އައުކަމެއް ނޫނެވެ. މެދުނުކެނޑި އެކަމަނާ ވެރިކަން ކުރައްވާތާ ފަނަރަ އަހަރު ވެެއްޖެއެވެ. މީގެކުރިން ހަޅުތާލުކުރި މީހުންވެސް މައިތިރިކޮށް ސައިޒުކުރި ގޮތަށް މިފަހަރުވެސް އެކަން ކުރެވިދާނެއެވެ. އެކަމަކު ކުރީ ފަހަރުތަކާއި މިފަހަރު މުޅިން ތަފާތެވެ. ތެޅިޔަސް މެރިޔަސް ރައްޔިތުން މިފަހަރު ގެޔަކަށް ނުވަދެއެވެ. ނުފިލަައެވެ. އަޒުމާއި ހިތްވަރު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެހެންވީމާ މިފަހަރު މިކަން ނިމޭނީ ހަސީނާގެ ސަރުކާރަށް ކުރިލިބިގެން ކަމަށް ބުނަން ދައްޗެވެ. މިދަނޑިވަޅުގައި ސިފައިން ނިންމާ ނިންމުމެއް ވަރަށް މުހިންމުވާނެއެވެ. ސިފައިންގެ އިންގިލާބަކުން ހަސީނާގެ ވެރިކަން ނިންމައިލުމަކީވެސް އެކަށީގެންވާ ކަމެކެވެ. ބަންގްލަދޭޝްގެ ތާރީޚަށް ބަލާއިރު އެއީ ނުވާނެކަމެކޭ ބުނަން ފުރުސަތެއް ނެތެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ