ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފުލެޓް ލިބިފައިވާ ފަރާތްތަކުން، ފުލެޓުގެ ކުލި ދައްކަމުންނުދާ ކަމަށްވަންޏާ އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީން ދީފިއެވެ.
އެ މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މާލޭ ސަރަހައްދުގެ އަދި ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްގީކޮށްފައިވާ ހައުސިން ޔުނިޓުތަކުން މަހުން މަހަށް ދައްކަންޖެހޭ (އެސްޓިމޭޓެޑް މަންތުލީ އިންސްޓޯލްމެންޓް، އީއެމްއައި) ގެ 20 ޕަސަންޓް ވަނީ މައާފުކޮށްދީފައި ކަމަށެވެ.
ނަމަވެސް ގިނަ ފަރާތްތަކުން އަދިވެސް ފުލެޓުތަކަށް ކުލި ދައްކަމުންނުދާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެހެންކަމުން ކުލި ދެއްކުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ.
"އަދި ގަވާއިދުން ފައިސާ ދައްކަމުން ނުދާ ފަރާތްތަކާ، ޔުނިޓް ކަނޑައެޅިފައިވާ ބޭނުން ނޫން އެހެން ބޭނުންތަކަށް ޔުނިޓުތައް ބޭނުންކުރުމާ، ގަވާއިދާ ހިލާފަށް ތަނަށް ބަދަލު ގެނައުމާ، ކުއްޔަށްދިނުމާ ގުޅޭ ކަންކަން މިނިސްޓްރީން ބަލަމުންދާ ވާހަކަ ދަންނަވަމެވެ. މިގޮތުން ގަވާއިދާ ހިލާފަށް އަމަލުކުރަމުންދާ ފަރާތްތަކާ މެދު އެއްބަސްވުމާ އެއްގޮތަށް ފިޔަވަޅު އަޅާނެ ވާހަކަ ދެންނެވީމެވެ..،" މިނިސްޓްރީން ބުންޏެވެ.
އަދި ފުލެޓުތަކަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް މިއަހަރުގެ ފުރަތަމަ ދުވަހު އަންގާފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު