ޖިންސާމެދު ސުވާލުތަކެއް އުފައްދައި އޮލިމްޕިކްސްގެ އަންހެން ޑިވިޝަންގައި ވާދަކުނުކުރެވޭނެ ކަމަށް ގިނަ ބަޔަކު ބުނަމުންދިޔަ އަލްޖީރިއާގެ އިމާނޭ ހަލިފް، އެ ގައުމުގެ ތާރީހުގައި އަންހެން ބޮކްސިން އިން ފުރަތަމަ މެޑަލް ޔަގީންކޮށްދީފިއެވެ.

އިމާނޭއަކީ މިދިޔަ އަހަރުގެ އަންހެން ވޯލްޑް ޗެމްޕިއަންޝިޕްގެ ފައިނަލަށްވެސް ދަތުރުކުރި އެތުލީޓެކެވެ. ނަމަވެސް އެ ފަހަރު މުބާރާތް އިންތިޒާމު ކުރި އިންޓަނޭޝަނަލް ބޮކްސިން އެސޯސިއޭޝަނުން އޭނާ ސަސްޕެންޑް ކުރިއެވެ. އެއީ އަންހެނެއްތޯ ޔަގީންކުރުމުން ހަދާ ޓެސްޓެސްޓްރޯން ހޯމޯން ޓެސްޓުން ފެއިލްވެގެން ކަމަށް ބޮކްސިން އެސޯސިއޭޝަނުން ބުނެފައިވެއެވެ. ނަމަވެސް އަލްޖީރިއާގެ ފަރާތުން އެކަން ދޮގުކޮށް، ބުނެފައިވަނީ އެއީ އުފެދުމުގައިވެސް އެ ހޯމޯން ގިނަ އެތުލީޓެއް ކަމަށެވެ.

އިންޓަނޭޝަނަލް ބޮކްސިން އެސޯސިއޭޝަނުން ވޯލްޑް ބޮކްސިން ޗެމްޕިއަންޝިޕް އިންތިޒާމު ކުރި ނަމަވެސް 2019 ވަނަ އަހަރު އިންޓަނޭޝަނަލް އޮލިކްޕިކްސް ކޮމިޓީ (އައިއޯސީން) އިން އެ އިދާރާ ސަސްޕެންޑް ކޮށްފައިވެއެވެ. އެއީ ރަޝިޔާގެ ބާރުގެ ދަށުން ހިންގަމުންދާ އިދާރާއަކަށްވާތީ އާއި ފައިސާގެ އިތުރުން އެތިކްސް އަދި ރެފްރީންގެ މައްސަލަތައް ބޮޑުވެގެންނެވެ.

އެހެންކަމުން މިފަހަރު ފްރާންސްގެ އޮލިމްޕިކްސްގެ ބޮކްސިން އިވެންޓް އިންތިޒާމު ކުރަމުންދަނީ އައިއޯސީންނެވެ. އައިއޯސީން ވަނީ އިމާނޭއަކީ އަންހެން އެތުލީޓެއްކަން ޔަގީންކޮށްދީ، އިމާނޭގެ ދިފާއުގައި ވާހަކަދައްކައިފައެވެ. އައިއޯސީގެ ރައީސް ތޯމަސް ބަޗު ވިދާޅުވީ އިމާނޭ އާމެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި އޭނާއަކީ އަންހެން އެތުލީޓެއް ކަމަށެވެ.

އައިއޯސީގެ ރައީސަށް އެހެން ވިދާޅުވާން ޖެހުނީ އިމާނޭއާ ދެކޮޅަށް އޮލިމްޕިކްސްގެ ބޮކްސިން އިވެންޓަކަށް ނުކުތް އިޓަލީގެ އެތުލީޓަކު، އިމާނޭއަކީ ފިރިހެނެއް ކަމަށް ބުނެ 45 ސިކުންތަށްފަހު މެޗު ދޫކޮށްލުމުންނެވެ.

އެ ހުރިހާ ހާސްކަމެއްގެ ތެރޭގައި އިމާނޭ ރޭ ނުކުތީ ކުއާޓާގައި ހަންގޭރީގެ ލޫކާ އޭނާ ހަމޯރީއާ ދެކޮޅަށެވެ. އެ މެޗު ނިމުނީ ތިން ބުރުން، ރެފްރީންގެ ސިއްރު ވޯޓަކުން މޮޅުވި އެތުލީޓް ނިންމައިގެންނެވެ. އިމާނޭ ސެމީއަށް ދިއުމާއެކު އޭނާ ކަޓައިގެންދިޔަ ނަމަވެސް އޭނާއަށް ވަނީ ލޯ މެޑަލް ޔަގީންވެފައެވެ.

ރޭގެ މެޗަށްފަހު އިމާނޭ ބުނީ އަލްޖީރިއާއަށް އަންހެން ބޮކްސިން އިން ފުރަތަމަ މެޑަލް ހޯދައިދިނުން ހާއްސަ ކަމަށާއި މުޅި އަރަބި ދުނިޔެއަށް މޮޅު ހާއްސަކުރާ ކަމަށެވެ.

އިމާނޭއާ ވާދަކުރި ހަމޮރީ ބުނީ ރޭގެ ބޮކްސިން މެޗަކީ އިންސާފުވެރި މެޗެއް ކަމަށް ގަބޫލުކުރާ ކަމަށާއި މީހުން ދައްކާ ވާހަކަތަކަށް އެއްވެސް ވަރަކަށް އިޖާބަ ދޭން ބޭނުން ނުވާ ކަމަށެވެ. ރޭގެ މެޗު ނިމުމާއެކު ދެ ކުޅުންތެރިންވެސް އިހުތިރާމާއެކު ބައްދާލާފައިވާ އިރު، އިމާނޭ ފެނުނީ އުފަލުން ރޮވިފައި ހުރިތަނެވެ.

އިމާނޭގެ އެ ކާމިޔާބިއަށް އަލްޖީރިއާގެ ރައިސް، އަބްދެލްމަޖީދު ތަބިއޫނީ މަރުހަބާ ދަންނަވާ ވިދާޅުވީ އިމާނޭ އަލްޖީރިއާ ފަހުރުވެރިކޮށްދީފި ކަމަށާއި ހާއްސަކޮށް އަންހެނުންނަށް ހިތްވަރު އާކޮށްދީފި ކަމަށެވެ. އަދި ކުރިއަށް އޮތް ބުރުގައި ކޮންމެ ނަތީޖާއެއް ނުކުތަސް، ފަހަތުގައި ހުންނަވާނެ ކަމަށް ވިދާޅުވިއެވެ.