ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމުގެ ޕްރޮގްރާމްގެ ތެރެއިން، ބިދޭސީން ހިންގާ ޓޭކްއަވޭ ކޮފީ ޝޮފްތަކާއި ފިހާރަތައް ރެއިޑް ކުރާތީ، އެފަދަ ތަންތަން ވަކި ގަޑިތަކެއްގައި ހުޅުވައި ނުވަތަ ވަކި ގޮތަކަށް އެކަނި ތަނުގެ ތެރެއަށް ވަދެވޭ ގޮތަށް ބަދަލު ގެނެސް ހިދުމަތް ދެމުން ގެންދާކަން ފާހަގަކުރެވިވާކަމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ފަށާފައިވާ ޕްރޮގްރާމާ ގުޅޭ ގޮތުން ޓީވީ ޕްރޮގްރާމެއްގައި ކޮންޓްރޯލަރު ޝަމްއާން ވިދާޅުވީ ކާބޯތަކެތީގެ ވިޔަފާރިކޮށް، އެފަދަ ހިދުމަތްތައް ދެމުން ގެންދާ ޓޭކްއަވޭތަކާއި ޑައިންއިންތަކުގައި ބިދޭސީންގެ ޝާމިލުވުން ވަރަށް ބޮޑު ކަމަށެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޕްރޮގްރާމް ފެށުމުން ބައެއް ބިދޭސީން އެ މީހުން ކުރަމުން ގެންދާ ވިޔަފާރިތައް ވަގުތީ ގޮތުން މެދުކަނޑާލައިފައިވާ ކަމަށާއި އަނެއްބައި ބިދޭސީން ވިޔަފާރިއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި އޮޕަރޭޝަންތައް ގެންދަން ފެށީމަ އަމިއްލައަށް ގިނަ ތަންތަން ބަންދުކޮށްފަ ހުރިކަން ފާހަގަކުރެވޭ. މީގެ ކުރިން ހުރިހާ ގަޑިއެއްގައިވެސް ހުޅުވަމުން ދިޔަ ތަންތަން ދުވާލުގެ ވަކި ގަޑިއެއްގައި ހުޅުވައިގެން އުޅޭކަން ވެސް ފާހަގަވެފަ އެބަހުރި. އަދި އެއްކޮށް ބަންދުކޮށްލައިގެން، ކުޑަދޮރު ހުޅުވައިގެން ވިޔަފާރި ކުރާ ތަންތަން ވެސް ފާހަގަވެފައި އެބަހުރި. އަޅުގަނޑުމެން މި ތަންތަން އިތުރަށް ބަލަމުން މި ގެންދަނީ، ބަލާފަ މި ތަންތަނަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނަން." ޝަމްއާން ވިދާޅުވިއެވެ،

ޝަމްއާން ވިދާޅުވީ، ފުލުހުންނާއި، އިމިގްރޭޝަނަށް ލިބޭ މައުލޫމާތުތަކުގެ މައްޗަށް އިންޓެލިޖެންސް ރިޕޯޓެއް ތައްޔާރު ކުރާކަމަށާއި ބިދޭސީން އުޅޭތަނެއް ބަލައި ފާސް ކުރަނީ ދުރާލައި އެކަމަށް ތައްޔާރުވެގެން ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެ ޕްރޮގްރާމް އެ ގޮތުގައި ކުރިއަށްގެންދާނެ ކަމަށް ވިދާޅުވިއެވެ.

ޝަމްއާން ވިދާޅުވީ، މާރުކޭޓުގެ ގޮޅިތަކުގައިވެސް ބިދޭސީން ގިނަ ކަމަށާއި މާރުކޭޓުތައް ރެއިޑްކޮށް އެތަނުގައި ތިބި ބިދޭސީން ގެންދިއުމުން ބައެއް ދިވެހީންގެ ފަރާތުން އެކަމުގެ ސިޓީތަކެއް ލިބިފައިވާކަމަށެވެ.

މީގެ އިތުރުން ޝަމްއާން ވިދާޅުވީ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދާ ބިދޭސީން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިއަހަރުގެ މިހާތަނަށްވެސް ގިނަ އަދަދެއްގެ ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށެވެ.