އުތުރުގައި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ފެށުމަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓު ކުޅުދުއްފުއްޓަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު މީޑިއާތަކަށް ބުނީ އުތުރުގައި ފަށާ އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓު ކުޅުދުއްފުށި ޕޯޓަށް އިއްޔެ ގެންގޮސްފައިވާ ކަމަށާއި އެ ދެ އުޅަނދު ވަނުމާއެކު ވޯޓާ ސެލިއުޓެއް ދީފައިވާ ކަމަށެވެ.

އެ ދެ އުޅަނދުގެ ކެޕްޓަނުންނާއި ފަޅުވެރިންނަށް މަރުހަބާ ދެންނެވީ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް އަދި މެނޭޖްމަންޓްގެ ބައެއް ބޭފުޅުން އިއްޔެ ކުޅުދުއްފުއްޓަށް ކުރެއްވި ޒިޔާރަތުގައެވެ.

ސީއީއޯ ވަޖީހު ވިދާޅުވީ ބަންކަރިން ހިދުމަތް ދިނުމަށް އެމްޕީއެލުން އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި އެއީ ރާއްޖޭގެ އިގުތިސާދަށް މުހިންމު ހިދުމަތަކަށްވާތީ އެމްޕީއެލުން އެކަން ނަގަނީ ގައުމީ ކަމެއްގެ ގޮތުގައި ކަމަށެވެ.

އެމްޕީއެލުން ބުނީ އުތުރުގައި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ފެށުމަށްޓަކައި މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ ތައްޔާރީތައް ކަމަށާއި އެ ހިދުމަތް ފެށުމަށް ބޭނުންވާ އޮފީސް ޖާގަތައް ހެދުމުގެ މަސައްކަތްވެސް ދަނީ ވަރަށް ހަލުވި ދުވެއްޔެއްގައި ކަމަށެވެ. އަދި މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ މަސައްކަތްތައްވެސް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްޕީއެލުން ބުންޏެވެ.

އެމްޕީއެލުން ވަނީ ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ހެދުމަށް އެ ރަށުގެ ކައުންސިލާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. އަދި އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އީއޯއައި ހުށަހެޅުމަށްވެސް ވަނީ ހުޅުވާލައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މެރިޓައިމް ދާއިރާ ފުޅާކުރުމަށް ރާވައިފައިވާ ޕްލޭންތަކުގެ ދަށުން އުތުރުގައި މެރިޓައިމްގެ ގިނަ ހިދުމަތްތަކެއް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެެވެ. އޭގެތެރޭގައި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ފެށުމާއި ޔޮޓް މެރީނާއެއް ގާއިމުކުރަން ފެށުމުގެ މަސައްކަތްތައް ކުރިއަށްގެންދެއެވެ.