އައްޑޫ ސިޓީ ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު އިތުރު ފަރުވާއަށް މާލެ ގެނައުމަށް ނިންމައިފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އައްޑޫ ސިޓީ ހިތަދޫގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމަށް މަގު ކޮނެފައިވާ ހިސާބުން ރޭ 11:49 ހާއިރު ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެ ވެލި ފުންޏަކަށް އަރައި ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.

އެ ހާދިސާގައި ސައިކަލު ދުއްވި 23 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އަނިޔާވެގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ފޮނުވަން އުޅޭ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އިކުއެޓޯރިއަލް ހޮސްޕިޓަލަށް "ވަން" އިން ގުޅުމުން އެކްސިޑެންޓުވި ކުއްޖާއަށް ލިބިފައިވާ ގެއްލުމުގެ އިތުރު މައުލޫމާތެއް ލިބޭ ގޮތެއް އަދި ނުވެއެވެ.

އެ ހާދިސާއާ ގުޅޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.