ކުޅުދުއްފުށި ސިޓީގައި ގާއިމުކުރާ ބޯޓްޔާޑުގެ މަސައްކަތުގެ 95 ޕަސެންޓު ނިންމާލެވިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ބުނެފިއެވެ.

ކުޅުދުއްފުށި ޕޯޓްގެ ސަރަހައްދުގައި ޑޮކްޔާޑަށް ހަދާ 15،000 އަކަފުޓޫގެ އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް އަދި މެނޭޖްމަންޓުގެ ބައެއް ބޭފުޅުން އިއްޔެ ވަނީ އެ ޕޯޓަށް ޒިޔާރަތްކުރައްވައިފައެވެ.

އެމްޕީއެލުން މިއަދު ބުނީ އެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންދާ ކަމަށާއި ބޯޓް ޔާޑުގެ މަސައްކަތުގައި މިހާރު ކުރިއަށްދަނީ ވޯކްޝޮޕްގެ ފިނިޝިންގެ މަސައްކަތް ކަމަށެވެ. އަދި އެ މަސައްކަތް ނިންމައި މިމަހުގެ ތެރޭގައި ބޯޓްޔާޑް ހިދުމަތް ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެމްޕީއެލުން ބުންޏެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ އެ މަސައްކަތުގެ ފިނިޝްގެ މަސައްކަތްތައް ނިންމައި ހިދުމަތް ފެށުމުގެ ކުރިން ޑޮކްޔާޑަށް ބޭނުންވާ މުވައްޒަފުން ހޯދަން އިއުލާންކުރާނެ ކަމަށާއި އުތުރުގައި މެރިޓައިމްގެ ހިދުމަތްތަކެއް ފެށުމަށް ތައްޔާރުވެފައިވާ ދަނޑިވަޅެއްގައި އެ ބޯޓްޔާޑަކީވެސް މެރިޓައިމްގެ ހިދުމަތުގައި މުހިންމު ބަޔަކަށްވާނެ ކަމަށެވެ،

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މެރިޓައިމް ދާއިރާ ފުޅާކުރުމަށް ރާވައިފައިވާ ޕްލޭންތަކުގެ ދަށުން އުތުރުގައި މެރިޓައިމްގެ ގިނަ ހިދުމަތްތަކެއް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެެވެ. އޭގެތެރޭގައި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ފެށުމާއި ޔޮޓް މެރީނާއެއް ގާއިމުކުރަން ފެށުމުގެ މަސައްކަތްތައް ކުރިއަށްގެންދެއެވެ.