މިވަގުތު އެންމެ ފޯމުގައި ތިބި ނޯވަކް ޖޮކޮވިޗާއި ކާލޮސް އަލްކަރާޒް ޕެރިސް އޮލިމްޕިކްސްގެ ޓެނިސް ސިންގަލްސް އިވެންޓުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
އުމުރުން 37 އަހަރުގެ ޖޮކޮވިޗް، މިހާތަނަށް ރެކޯޑު 24 ގްރޭންޑް ސްލޭމް ތަށި ހޯދާފައިވާ އިރު، އޭނާގެ ކެރިއަރުގައި ނުލިބި އޮތީ އޮލިމްޕިކްސް ރަން މެޑަލްއެކެވެ. އެ މެޑަލްއަށް މިފަހަރުގެ ފައިނަލް މުހިންމު ވާނެއެވެ. ޖޮކޮވިޗް ފައިނަލަށް ދިޔައީ ސެމީ ފައިނަލުގައި ރޭ އިޓަލީގެ ލޮރެންޒޯ މުސެޓީ 6-4، 6-4 އިން ބަލިކޮށްގެންނެވެ. މިއީ ޖޮކޮވިޗް އޮލިމްޕިކްސް ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ.
ޖޮކޮވިޗަށް އޮލިމްޕިކްސްއިން މިހާތަނަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ 2008 ވަނަ އަހަރުގެ އޮލިމްޕިކްސްއިން ހޯދި ލޯ މެޑަލްއެވެ. އަދި އޭގެފަހުން ޖަޕާނުގެ ޓޯކިޔޯގައި ބޭއްވި އޮލިމްޕިކްސްއިން ޖޮކޮވިޗް ހަތަރުވަނަ ހޯދިއެވެ.
މިއަހަރުގެ ފްރެންޗް އޯޕަންއާއި ވިމްބަލްޑަންވެސް ކާމިޔާބުކުރި އަލްކަރާޒް އޮލިމްޕިކްސް ފައިނަލުން ޖާގަ ހޯދީ، ކެނެޑާގެ ފެލިކްސް އޯގާ-އަލިއަސީމޭ 6-1، 6-1 އިން ބަލިކޮށްގެންނެވެ.
އުމުރުން 21 އަހަރުގެ އަލްކަރާޒް އެންމެފަހުން ފްރެންޗް އޯޕަން ކާމިޔާބުކުރީވެސް މިފަހަރު އޮލިމްޕިކްސް ޓެނިސް އިވެންޓުގެ ފައިނަލް އޮންނަ ކޯޓުގައެވެ.
ދެ ކުޅުންތެރިން ވާދަވެރި މެޗެއްގައި އެންމެފަހުން ކުޅެފައިވަނީ ވިމްބަލްޑަން ފައިނަލުގައެވެ. އެއީ މިދިޔަ މަހުގައެވެ. އެ މެޗު ކާމިޔާބުކުރީ އަލްކަރާޒެވެ.
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް