ކ. އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، މިޔަޓް ފުޓްސަލް ފިއެސްޓާ 2024 ރޭ އިއުލާންކޮށްފިއެވެ.
މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމު ކޮށްގެން ބާއްވާ މިޔަޓް ފުޓްސަލް ޗެލެންޖަކީ ކޮންމެ އަހަރަކުވެސް ސްކޫލް ޗުއްޓީއާ ދިމާކޮށް ކ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އިވެންޓެވެ. ތުލުސްދޫގައި މީގެ ކުރިން ކާމިޔާބު ހަތަރު މުބާރާތެއް ނިންމާލާފައިވާއިރު މި އަހަރުގެ މުބާރާތް ބާއްވަން ނިންމާފައިވަނީ 14 ނޮވެމްބަރު ގައެވެ.
މިފަހަރު މުބާރާތުގައިވެސް އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަން ކުރިއަށްދާނެއެވެ. ޖާގަ ދޭން ނިންމާފައިވަނީ ވަކި އަދަދެއްގެ ޓީމުތަކަށެވެ. އިންތިޒާމު ކުރާ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި ކޮންމެ ރަށަކުންވެސް އެއް ޓީމަށްވުރެ ގިނަ ޓީމުތަކަށް ބައިވެރިވެވޭނެއެވެ.
މިޔަޓް އިން ބުނީ، މުބާރާތުގައި ބައިވެރިވުމުގެ ފޯމު އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ލިބޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށެވެ.
މިފަހަރުވެސް ފިރިހެން ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، އެ ޑިވިޝަންގެ ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. އަންހެން ޑިވިޝަންގެ ހާއްސަ ފަތްމިނި ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.
ނިމިދިޔަ އަހަރު ފޯރިގަދަކޮށް، ކާމިޔާބު ކަމާއެކު ނިންމާލި މިޔަޓް ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޝަންގެ ތަށި ދިއްފުށި ފިރިހެން ފުޓްސަލް ޓީމުން ހޯދި އިރު، އަންހެން ޗެމްޕިއަންކަން ހޯދީ އެޕޮކަލިޕްސް ސެންޔޯރާއެވެ. މިދިޔަ އަހަރުގެ މުބާރާތުންވެސް ކ. އަތޮޅުގެ ހުނަރުވެރި ތަރިންނާއި ރާއްޖޭގެ މަގުބޫލު ކުޅުންތެރިންވެސް ފެނިގެން ގޮސްފައިވެއެވެ.
މިދިޔަ ދެ އަހަރުގެ މިޔަޓް ފުޓްސަލް ފިއެސްޓާގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް