ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފުލެޓު ކައިރީގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދު ޖަހައިފިއެވެ.
އެ އެކްސިޑެންޓާ ގުޅިގެން ފުލުހުން ވަނީ، ރޭގެ ވަގުތެއްގައި ތިން މީހަކު ހައްޔަރުކޮށްފައެވެ.
އެއީ ކ. މާލެ، ހ. ނޫރަންމާގެއާގެ، އިކްރާމްރަހުމާން، ކ. މާލެ، މ. ލޭންޑްއޮފްގާޑެން، އިބްރާހިމް އިކްރާމް އަދި ގއ. ކަނޑުހުޅުދޫ، އާޒާދުގެ، ޖިނާހު އިސްމާއިލެވެ.
ފުލުހުން މިއަދު ބުނީ، އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ޖިނާހު 15 ދުވަހަށް ބަންދުކޮށް، އިކްރާމާއި އިކްރާމްރަހުމާން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ހުޅުމާލެ ފޭސް ދޭއް، ވިނަރެސް ފުލެޓު ކައިރީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެއްޓެއް ހިނގާފައިވާ ކަމަށް އިއްޔެ މެންދުރުގެ ވަގުތެއްގައި ރިޕޯޓު ކުރިއެވެ. އެ އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވި ފިރިހެން މީހާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އެ މީހާ މިހާރު ވަނީ އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފައެވެ.
އެ އެކްސިޑެންޓުގައި އޭނާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. އެގޮތުން އޭނާގެ ބޯ ފަޅައިގެން ގޮސް، އެއް އަތާއި އެއް ފައި ބިންދައިގެން ގޮސްފައިވާ ކަމަށް އެނގިފައިވެއެވެ. އެ މީހާއަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗުގެ އެމަޖެންސީގައެވެ.
އެ އެކްސިޑެންޓު ހިނގި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ ރަތްކުލައިގެ ކާރެއް ބާރު ސްޕީޑުގައި ދުއްވާފައި ގޮސް ކޮންޓްރޯލުނުވެ، މަގުގެ އެއްފަޅީގައި ސައިކަލުމަތީ އިން ފިރިހެން މީހެއްގެ ގައިގައި ކާރުން ޖެހި އެކްސިޑެންޓުވާ ތަނެވެ. އެ ވީޑިއޯ އިން ސައިކަލު މަތީގައި އިން މީހާ ވިއްސާއިގެން ގޮސް އެ މަގުގައި ހުރި ފިހާރައެއްގެ ދޮރުމައްޗަށް އެމީހާ ވެއްޓޭތަންވެސް ފެނެއެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި އެކްސިޑެންޓުވި ކާރަކީ ބީ ޒޯނަށް ރަޖިސްޓަރީކޮށްފައިވާ ކާރެކެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގި ކާރުގައި ތިބީ މާލޭގެ ނަން މަޝްހޫރު ގޭންގަކަށް ނިސްބަތްވާ ބައެކެވެ. އެ އެކްސިޑެންޓު ހިނގުމުން، އެ ގޭންގުގެ ބަޔަކު، އެ އެކްސިޑެންޓު ހިނގި ސަރަހައްދަށް ގޮސް، ސީސީޓީވީ ފޫޓޭޖު ނުދިނުމަށް އެދި ބައެއް މީހުންނަށް އިންޒާރު ދީފައިވާކަންވެސް އެނގެއެވެ.
އެ އެކްސިޑެންޓު ހިނގި ފަހުން، ކާރު ދުއްވަން އިން އިކްރާމް، އެހެން ސައިކަލެއްގައި އެ ސަރަހައްދު ދޫކޮށްދާ ވީޑިއޯ ފޫޓޭޖެއް "ވަން" އަށް ވަނީ ލިބިފައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އިކްރާމް އަކީ، މިއަހަރުގެ ފެބްރުއަރީ 13, ވަނަ ދުވަހު ގަލޮޅު ދަނޑުގައި ދެ ވަނަ ޑިވިޝަނުގެ ކުއާޓާ ފައިނަލުގައި ކުޑަހެންވޭރު ޔުނައިޓެޑާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ކުޅުނު މެޗުގައި މާރާމާރި ހިންގިކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެކެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ދަނޑުގައި މާރާމާރީ ހިންގައި، ބިރުދައްކައި އިންޒާރު ދިނުމުގެ އިތުރުން އާންމު މަސްލަހަތަށް ގެއްލުން ދިންކަމުގެ ތުހުމަތުގައެވެ. ނަމަވެސް، އޭނާ ވަނީ ފަހުން ދޫކޮށްލައިފައެވެ.
އެނގިފައިވާ ގޮތުގައި އިކްރާމްރަހުމާންއަކީ މީގެ ކުރިން ކެނިބިސް ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ ހުކުމްކޮށްފައިވާ މީހެކެވެ. އޭނާއަށް އެ ދައުވާކުރި އިރު، އޭނާއަކީ ކުޑަކުއްޖެއްކަމުން އެ ހުކުމް އިއްވީ ޖުވެނައިލް ކޯޓުންނެވެ. އެ ހުކުމް ހައިކޯޓުންވެސް ދެމެހެއްޓިއެވެ. އޭގެ ފަހުން އެ މައްސަލައަށްވި ގޮތެއް ސާފެއް ނޫނެވެ.
ޚަބަރު
ޚަބަރު
ޚަބަރު