އިންޑިއާގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
އިންޑިއާގެ ދެކުނުން އޮންނަ ކެރެލާގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 167 އަށް އަރާފައިވާއިރު، މީހަކު ދިރިހުއްޓާ ފެންނާނެކަމުގެ އުއްމީދު ވަނީ ކުޑަވެފައެވެ.
މޯދީއަށް ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވީ އެ ހާދިސާގައި އިންޑިއާގެ އެތައް ސަތޭކަ ބައެއްގެ ފުރާނަ ގެއްލުނު ހަބަރާއެކު، އެ މަނިކުފާނަށް ފުން ހިތާމައެއް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި އެތައް ބައެއްގެ ފުރާނައާއި ދިރިއުޅުމާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުމަކީ ހިތްޕުޅަށް ގެންނަވަން ދަތި ހިތާމަވެރި ހާދިސާއެއް ކަމަށްވެސް ވިދާޅުވި އެވެ.
އެ މެސެޖުގައި ރައީސް ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވައިފައެވެ. އަދި އެ މަނިކުފާނުގެ މެސެޖުގައި މީހުން ސަލާމަތްކުރުމުގައި އެ ސަރަހައްދުގައި މިހާރު ކުރިއަށްދާ މަސައްކަތް ކާމިޔާބު ކަމާއެކު އަވަސް ފުރުސަތެއްގައި ނިމިގެން ދިއުމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސްގެ މެސެޖުގައި އިތުރަށް ވަނީ އެ ހާދިސާގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވުން އެދި ދުއާ ކުރައްވާ ކަމަށާއި ފުރާނަ ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށްވެސް އެދިވަޑައިގަންނަވާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު