ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ދީފައިވާ ގޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަން ނިންމައިފިއެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ މައްސަލަ ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން މަމްދޫހު ވިދާޅުވީ، 2018 ވަނަ އަހަރުން 2023 ވަނަ އަހަރުގެ ނިޔަލަށް އޭރުގެ ސަރުކާރުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ދޫކޮށްފައިވަނީ ކޮން ގޮތަކަށްތޯ ބަލަން އެކަމާ ގުޅޭ މައުލޫމާތުތައް ކޮމިޓީއަށް ފޮނުއްވުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް އެންގުމަށް ހުށަހަޅުއްވާ ކަމަށެވެ.

އެ ހުށަހެޅުއްވުމާ ގުޅިގެން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ، އެ މައުލޫމާތުތަކަކީ ފިނޭންސް މިނިސްޓްރީން ލިބެން ހުންނާނެ މައުލޫމާތުތައް ކަމަށާއި އެ މިނިސްޓްރީއަށް ލިޔުމުން އެކަމާބެހޭ މައުލޫމާތު ލިބޭނެ ކަމަށެވެ.

ނަމަވެސް މެންބަރު މަމްދޫހުގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވަމުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރްޒޫގު ވިދާޅުވީ، ލިބެން އޮތް ތަނަކުން ހޯދައިގެންވެސް އެ މައުލޫމާތު ކޮމިޓީއަށް ގެންނަންޖެހޭ ކަމަށެވެ. ބަދަލުގެ ގޮތުގައި 2.4 ބިލިއަން އެކި ފަރާތްތަކަށް ދީފައިވާއިރު ބަދަލު ދިން ފަރާތްތަކުގެ ލިސްޓެއް ހޯދަން ހުށަހަޅުއްވާ ކަމަށްވެސް އަޒާން ވިދާޅުވިއެވެ.