ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުގެ މަގާމަށް، އަހުމަދު މުނައްވަރު މިއަދު އައްޔަން ކުރައްވައިފިއެވެ.

ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަން ކުރެއްވުމަށްޓަކައި ރައީސް، އޭނާގެ ނަން މަޖިލީހަށް ފޮނުއްވީ މީގެ ކުރިން ގަވަރުނަރުކަމުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް އެ މަގާމުން ވަކިކުރެއްވުމަށްފަހުއެވެ. އެ މަގާމަށް މުނައްވަރު އައްޔަން ކުރަން މަޖިލީހުން ރުހުން ދިނީ އިއްޔެއެވެ.

ގަވަރުނަރު ކަމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން، މުނައްވަރަށް ރައީސް ހަވާލުކުރެއްވީ އެކަމަށް ޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތަށްފަހު ރައީސް ވަނީ މުނައްވަރާ ބައްދަލުކުރައްވައިފައެވެ.

ރައީސް އޮފީހުން ބުނީ، އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އިގުތިސޯދީ ހާލަތާ ގުޅޭ ގޮތުން ރައީސް އާއި ގަވަރުނަރު މަޝްވަރާ ކުރައްވައި ފައިނޭންސްގެ ދާއިރާއާއި ގުޅޭ އެހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ރައީސް ބާރުއެޅުއްވި ކަމަށެވެ. އަދި ގައުމުގެ އިގުތިސޯދު ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ގަވަރުނަރު ވިދާޅުވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

މުނައްވަރަކީ މީގެ ކުރިން ވެސް އެމްއެމްއޭގައި 10 އަހަރު ދުވަސްވަންދެން ހިދުމަތް ކުރައްވައި، ފިނޭންސް މިނިސްޓަރުގެ މަގާމުވެސް އަދާކުރެއްވި އަދި މާލީ ދާއިރާގެ ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

އެމްއެމްއޭގެ ގަަވަރުނަރު ކަމަށް އައްޔަންކުރަން ރައީސް މުއިއްޒު އޭނާގެ ނަން މަޖިލީހަށް ފޮނުއްވި އިރުވެސް އޭނާ ހުންނެވީ، ފިނޭސް މިނިސްޓަރުގެ އެޑްވައިޒަރުކަމުގެ މަގާމުގައެވެ.