ބައި އިލެކްޝަންތައް އަހަރަކު ދެފަހަރު ބާއްވަން ޖެހޭގޮތަށް، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބަދަލުގައި، ބައި އިލެކްޝަންގައި އީވޯޓިން ބޭނުންކުރުން ރަނގަޅުވާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ މެންބަރު ކެންދޫ ދާއިރާގެ މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު ޒާކިރު ވިދާޅުވީ، ޓެކްނޮލޮޖީގެ މި ޒަމާނުގައި ވޯޓު ފޮށިތައް ބަަހައްޓައިގެން ހަރަދު ބޮޑު ގޮތަކަށް ބައި އިލެކްޝަންތައް ބޭއްވުމަކީ މައްސަލަ ދިމާވާ ކަމެއް ކަމަށެވެ.

އޭގެ ބަދަލުގައި އީ ވޯޓިން ސިސްޓަމް ބޭނުންކޮށްގެން އީ ވޯޓިން ލާނަމަ ހަރަދު ކުޑަވާނެ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ، ބައި އިލެކްޝަންތަކުގައި ވޯޓުލާ މީހުން އަންނަނީ އިންތިހާއަށް މަދުވަމުން ކަމަށެވެ. ނަމަވެސް އިންތިހާބު ބާއްވަން ޖެހޭ ކަމަށާއި، އެ އިންތިހާބުތައް ކާމިޔާބު ކުރުމަށް ޓަކައި ސަރުކާރުން ފައިސާ ހަރަދުކުރަން ޖެހުމުގެ ސަބުބުން ހަރަދު ބޮޑުވެގެންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެކަން އެ ގޮތުގައި އޮތްއިރު، ވޯޓު ފޮއްޓަށް ވޯޓުލާން ނިކުތުމަކީ މިއަދުގެ ޒުވާނުން ޝައުގުވެރިކަން ހުންނަ ކަމެއްނޫން ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެއަށް ބަލައިގެން އިންތިހާބުތައް ނުބާއްވަން ނިންމުމަކީ ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭގެ ބަދަލުގައި ޓެކްނޮލޮޖީއާ ގުޅުންހުރި ކަންތައްތައް ގާނޫނުތަކުގައި ހިމަނަމުން އަންނަ މި ދަނޑިވަޅުގައި، އަދި ޓެކްނޮލޮޖީއާބެހޭ ހާއްސަ ކޮމިޓީއެއް މަޖިލީހުގައި އޮތް މި ދަނޑިވަޅުގައި، ހާއްސަ ކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސްޕީޑްގައި ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ބައި އިލެކްޝަންތައް ބާއްވަން އީވޯޓަށް ދިއުމީ މުހިއްމުކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މުއައްސަސާތަކުގައި ތިއްބެވި ވެރިންގެ ނާގާބިލުކަމަކީ ޑިމޮކްރެޓިކް ޕްރޮސެސް ކުރިއަށް ގެންދަން ހުރަހަކަށް ވެގެން ނުވާނެ ކަމަށެވެ. ބައި އލެކްޝަންތަކަކީ ކުދިކުދި އިންިތހާބުތަކެއް ކަމަށާއި، އީވޯޓިން ބޭނުންކުރަން ފެށުމުގެ ގޮތުން އެ އިންތިހާބުތައް އީ ވޯޓިން ބޭނުންކޮށްގެން ބޭއްވުމަކީ މުހިއްމުކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި ބައެއް އެހެން ގައުމުތަކުގައިވެސް އެކަން ކުރަނީ އެގޮތަށް ކަމަށާއި، ހަރަދު ކުޑަކުރަން ބަލާ ފުރަތަމަ ކަމަކީ ޑިމޮކްރެޓިކް ޕްރޮސެސް ހުއްޓައިލުން ކަމަށް ވެގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.