ރައްޔިތުންނާ ހަތަރުކަޅި ހަމަކުރަން ނުކެރޭ ވަރުގެ ކަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު، ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ރައީސްގެ ވާހަކަފުޅުތަކުން ސާފުކޮށް އެނގިގެންދަނީ ގައުމު އިސްލާހުކުރުމަށްޓަކައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ރައީސް ކުރައްވާނެކަން ކަމަށެވެ. ރައީސް ގެންދަވަނީ ކުރީގެ އެއްވެސް ރައީސަކަށް ހައްލު ނުކުރެވެނު ކަންކަން ހައްލު ކުރައްވަމުން ކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ ބިދޭސީންގެ މައްސަލަ ކަމަށް ނާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކަންކަން ކުރަމުން މިދަނީ ރައްޔިތުންނާ އެއް ހަމައެއްގައި ތިބެގެން. އަބަދުވެސް ތިބޭނީ ރައްޔިތުންނާ އެއް ހަމައެއްގައި. އަދި ރައީސް ޑރ. މުއިއްޒު ވެސް ރައްޔިތަކާ ހަތަރުކަޅި ހަމަކޮށް ނުލެވޭ ވަރުގެ ކަމެއް ނުކުރައްވާނެ. ހުރިހާ ކަމެއް ވެސް ކުރައްވަނީ ރައްޔިތުން ކައިރިއަށް އަދިވެސް ދާން އޮތްކަން އެނގިގެން،" ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން ނާޒިމް ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ އުނދަގޫ ރައްޔިތުންނަށް ނުޖެހޭނެ ކަމަށެވެ. އިގުތިސޯދީ ހާލަތު ރަނގަޅުކުރަން ސަރުކާރުން ފަށައިފައިވާ މަސައްކަތުގެ ތެރެއިން ކުރަން ޖެހެނީ ދައުލަތަށް އާމްދަނީ އިތުރުވާނެ ކަންކަމާއި ދައުލަތުގެ ބޭކާރު ހަރަދުތައް ކުޑަކުރުން ކަމަށެވެ.
ނާޒިމް ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަކުރަން ސަރުކާރުން ފިޔަވަޅުތަކެއް އެޅި ނަމަވެސް، އެކަމުގައި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ރަނގަޅަށް ކުރިއަށްދާނެ ކަމަށާއި އެ ހިދުމަތްތަކަށް ބުރޫނާރާނެ ކަމަށެވެ.
"އެގޮތުން ހަރަދުތައް ކުޑަކުރުމަށް އަޅާ އެއްވެސް ފިޔަވަޅެއްގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް އެެއްވެސް ކަހަލަ އުނިކަމެއް ނާންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެންނަށް އެބަ އޮތް،" ނާޒިމް ވިދާޅުވިއެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އާސަންދައިން 1.1 ބިލިއަން ރުފިޔާ އެކި ފަރާތްތައް ދައްކަން ޖެހި ނުދައްކާ ހުރި ކަމަށް ނާޒިމް ވިދާޅުވިއެވެ. މި ސަރުކާރަށް މިވީ އަށް މަސް ދުވަހުގެ ތެރޭގައި އާސަންދައިން ވަނީ އެކި ފަރާތްތަކަށް 1.4 ބިލިއަން ރުފިޔާ ދައްކައިފައި ކަމަށް ނާޒިމް ވިދާޅުވިއެވެ.
"އެހާ ބައިވަރު ބިލު ނުދައްކާ ދިޔައީމާ ވެސް އަޅުގަނޑުމެން ބިލުތައް ދައްކަމުން އެ ހިދުމަތް މެދުނުކެނޑި ދެވުން ވެގެން ދަނީ. ރައްޔިތުންގެ ތެރެއިން ބޭނުންވާ މީހަކަށް އާސަންދަ ނުލިބިގެން އުޅެން ނުޖެހޭ. އެހެންވީމާ ހަރަދު ކުޑަކުރުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން މި އަޅަން ޖެހެނީ އަދިވެސް އެގޮތަށް ބެކްލޮގް އޮތީމާ،" ނާޒިމް ވިދާޅުވިއެވެ.
އަދި ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު ތައްޔާރުކުރާ އިރު، ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންކަމަށް އުނިކަން ނާންނާނެ ގޮތަކަށް ބަޖެޓް ތައްޔާރު ކުރާނެ ކަމަށެވެ. ސަރުކާރުން މިހާރު ވަނީ އެންމެ އަވަހަށް ނިންމެން އޮތް މަޝްރޫއުތައް ކަނޑައަޅާފައި ކަމަށާއި އެގޮތަށް މަޝްރޫއުތައް ތަރުތީބު ކުރުމުގެ ސަބަބުން މަޝްރޫއުތަކުގެ މަސައްކަތް ނިމިގެންދާ މުއްދަތު އަވަސްވެގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު