އާސަންދައިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާގެ ތަފްސީލުތައް ފޯރުކޮށްދީފައި ނުވާ ކަމަށްބުނެ، އަމުރެއް ނެރެގެންވެސް އެ މައުލޫމާތު ހޯދާނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރުން ވިދާޅުވެއްޖެއެވެ.
އާސަންދައިގެ އިތުރުން އެންސްޕާއިން އެކި ފަރާތްތަކަށް ދައްކަން އޮތް ފައިސާގެ މައުލޫމާތުތައް ހޯދުމަށް ކޮމިޓީން ވަނީ އެ ދެ ފަރާތުގައި އެދިފައެވެ.
އޭގެ ތެރެއިން އެންސްޕާގެ މައުލޫމާތު ކޮމިޓީއަށް ފޮނުވާފައިވާ އިރު، އާސަންދަ އިން ލިޔުމުން ކޮމިޓީއަށް ފޮނުވި ޖަވާބުގައި ބުނެފައިވަނީ ފައިސާ ދޭންޖެހޭ ވަކިވަކި ކުންފުނިތަކުގެ ތަފްސީލު ހާމަކުރަން އުނދަގޫ ކަމަށެވެ. ނަމަވެސް ޖުމުލަކޮށް ޕްރައިވެޓް ސެކްޓަރަށް އަދި ޕަބްލިކް ސެކްޓަރަށް ދޭން ހުރި ފައިސާގެ ތަފްސީލު ހާމަ ކުރެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ ނާއިބު ރައީސް، ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ކޮމިޓީން ކުރަމުންދާ މަސައްކަތަކީ އާސަންދަ އާއި އެންސްޕާގެ ހާލަތު އޮތް ގޮތް ބެލުމުގެ މަސައްކަތް ކަމަށެވެ.
އެ ދެ މުއައްސަސާއަކީ ސަރުކާރުން އެނމެ ބޮޑު ހޭދައެއް ކުރާ ދެ މުއައްސަސާ ކަމަށާއި އެ މުއައްސަސާތަކުން ހަރަދު ކުރުމުގައި ކަންބޮޑުވާ ކަންތައްތަކެއް ފާހަގަވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ލިބިފައި ހުރި މައުލޫމާތުގެ އަލީގައި ވަރަށް ގިނަ ފައިސާ ރާއްޖޭގެ ބޭރުގެ ހޮސްޕިޓަލްތަކަށް ދޭންވެފަ އެބައޮތް، ބޭރުގެ ހޮސްޕިޓަލްތަކަށް ކުރާ ހޭދައަކީ ކޮބައިކަން އެނގެން ޖެހޭނެ، އެހެންވީމަ މި މައުލޫމާތުތައް ދޭންޖެހޭނެ، ސިއްރުކުރަން ޖެހޭ އެއްވެސްކަމެއް ނޯންނާނެ، އެއީ އެބޭފުޅުންގެ ކަންތައް ރަނގަޅުކޮށް އެބޭފުޅުންނަށް އިތުރަށް ކޮށްދޭންޖެހޭ ކަންތައް ކޮށްދޭނީވެސް އަޅުގަނޑުމެން،" ނާޒިމް ވިދާޅުވިއެވެ.
އެހެންކަމުން ބޮޑެތި އަދަދުތަކުން، ބޭރުގެ ހޮސްޕިޓަލްތަކަށް ފައިސާ ދޭންޖެހޭ ސަބަބު ބަލަންޖެހޭ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
"ބޭރުގެ ހޮސްޕިޓަލްތަކާ ގުޅިގެން ރާއްޖޭގެ ހޮސްޕިޓަލްތަކުގައި އެބަހުރި ގާއިމުކޮށްފައި ބައެއް ސެންޓަރުތައް، މިސާލަކަށް ދަންނަވާނަމަ އައިޖީއެމްއެޗްގައި ހުންނަ ހެލްތު ލެބަކީ ބޭރުގެ ބަޔަކު ހިންގާ ތަނެއް، ހުޅުމާލެ ހޮސްޕިޓަލްގައި ނަފްސާނީ ބަލިތަކާ ބެހޭ ސެންޓަރެއް އެބަހުރި ރާއްޖޭން ބޭރުގެ ހޮސްޕިޓަލަކަށް، ނުވަތަ ފަރުދަަކަށް ފްރެންޗައިޒެއް ގޮތަށް ލާރި ދައްކާގޮތަށް ހުޅުވާފައި، އެހެންވީމާ ބޭރުގެ ހޮސްޕިޓަލްތަކާ ގުޅިގެން ރާއްޖޭގައި ގާއިމުކޮށްފައިވާ ތަންތަނަށް ކުރާ ހަރަދަކީ ކޮބައިތޯ އެނގެންޖެހޭ، އެތަންތަނަށް ދައްކަން ހުރި ފައިސާއަކީ ކޮބައިތޯ، މައުލޫމާތު ލިބިފައިވޭ އައިޖީއެމްއެޗްގެ ހާޓް ސެންޓަރަށްވެސް އެތައް މިލިއަން ޑޮލަރެއް އާސަންދައިން ދައްކަން ޖެހި ނުދެއްކި އޮތްކަން، ކޮންމެހެން އެ އެއްޗެހި ފޮރުވާނެ ކަމެއްނެތް،"
ނާޒިމް ވިދާޅުވީ، ރާއްޖޭން ބޭރުން ހޮސްޕިޓަލެެއް ގަނެގެން ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތްދިނަސް ނުދާހާވަަރަށް އެތަންތަނަށް ހަރަދުކުރަންޖެހޭނަމަ، އެކަންކަން ބަލައި އެކަމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލަންޖެހޭ ކަމަށެވެ.
ނާޒިމްގެ ވާހަކައާ ގުޅިގެން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ، މައުލޫމާތު ފޮނުވުމަށް މާލިއްޔަތު ކޮމިޓީން އެންގީމާ އާސަންދައަށް އެކަމާ ދެކޮޅު ނެހެދޭނެ ކަމަށެވެ. އަދި އެ ފަރާތުން އެ މައުލޫމާތު އާއްމު ކުރަން ބޭނުން ނޫންނަމަ ސިއްރު ޖަހާފައިވެސް ކޮމިޓީއަށް މައުލޫމާތު ފޯރުކޮށްދޭން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެގޮތަށް މައުލޫމާތު ދިނުމަށް އުޒުރު ދައްކާނަމަ ދެން އޮންނާނީ އަމުރެއް ނެރެގެންވެސް އެ މައުލޫމާތު ހޯދުން ކަމަށްވެސް ވިދާޅުވިއެވެ.
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، އެ މައުލޫމާތުތައް ކޮމިޓީއަށް ސިއްރު ނުކުރެވޭނެ ކަމަށެވެ. އެ ދާއިރާއަކީ އެންމެ ބޮޑު ވައްކަންކޮށްފައި އޮތް ދާއިރާ ކަމަށާއި، މެޑިކަލް މާފިޔާއަށްވެސް ފުރުސަތު ހުރީ އެ ދާއިރާއިން ކަމަށްވާތީ އެގޮތަށް ހިންގާ ކަންތައްތައް ހުއްޓުވުމަށްވެސް އެ މައުލޫމާތުތައް ދޭންޖެހޭނެ ކަަމަށް ޝުޖާ ވިދާޅުވިއެވެ.
ކޮމިޓީގައި ދެން ތިއްބެވި މެންބަރުންވެސް ވާހަކަ ދެއްކެވީ ކޮމިޓީން ބޭނުންވާ މައުލޫމާތުތައް އާސަންދައިން ދޭންޖެހޭނެ ކަމަށެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވި، ކޮމިޓީގެ ނާއިބު މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ކޮމިޓީން އަމުރެއް ނެރެެގެންވެސް އެ މައުލޫމާތު ކޮމިޓީއަށް ހޯއްދަވާނެ ކަމަށެވެ. ނަމަވެސް ކޮމިޓީގެ އެންގުން ފުރަތަަމަ އަންގާނީ ތަންކޮޅެއް މައިތިރިކޮށް ކަމަށާއި، އެ އެންގުމުގައި ކަނޑައަޅާ މުއްދަތަށް އެ މައުލޫމާތުތައް ނުފޮނުވާނަމަ އަމުރެއް ނެރެގެން އެ މައުލުމާތުތައް ކޮމިޓީއަށް ހޯއްދަވާނެ ކަަމަށްވެސް ސަލީމް ވިދާޅުވިއެވެ.
ސަލީމް ވަނީ އެގޮތަށް ކޮމިޓީ މަސައްކަތް ކުރިއަށްގެންދަން ވޯޓަށް އަހައި ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު