މިސްރުގެ ފެންސާ ނަދާ ހާފިޒް، މިފަހަރުގެ އޮލިމްޕިކްސްގައި ވާދަކުރީ މާބަނޑުވެ، ބަނޑަށް ހަތް މަހުގައި ކަމަށް އޭނާ ބުނެފިއެވެ.

އުމުރުން 26 އަހަރުގެ ނަދާ، އަންހެނުންގެ ފެންސިން އިވެންޓުން ކަޓާފައިވަނީ ގަދަ 16 އިންނެވެ. އޭނާ ވަނީ ފުރަތަމަ ބުރުގައި އެމެރިކާގެ އެލިޒަބަތު ޓާޓަކޮވްސްކީ ކައިރިިން 15-13 އިން މޮޅުވެފައެވެ. މީގެ ކުރިން ރިއޯ އޮލިމްޕިކްސްގެ އިތުރުން 2020 ވަނަ އަހަރު ޓޯކިޔޯގައި ބޭއްވި އޮލިމްޕިކްސްގައިވެސް ނަދާ ވާދަކޮށްފައިވާ އިރު، އޭގެން އެއްވެސް ފަހަރަކު ފުރަތަމަ ބުރު ފަހަނައަޅައި ގޮސްފައެއް ނުވެއެވެ.

ނަދާ މިފަހަރުގެ ގަދަ 16 ގައި ކޮރެއާގެ ޖެއޮން ހަޔަންގް އަތުން ބަލިވީ 15-7 އިންނެވެ. އެ މެޗަށްފަހު އޭނާ ބުނީ ފެންސިން ޕޯޑިއަމްގައި ދެ ކުޅުންތެރިޔަކު ވާދަކުރަމުންދާ ތަން ފެނުނު ނަމަވެސް، އެއީ ތިން ކުޅުންތެރިޔަކު ކަމަށެވެ. "އެއީ އަހަރެންނަށް ލިބެން އޮތް ލޯބިލޯބި ދަރިފުޅާވެސް އެކުގައި ކުރިއަށް ދިޔަ މެޗުތަކެއް،" ކަމަށް ނަދާ އިންސްޓާގްރާމުގައި ބުންޏެވެ.

މިފަހަރުގެ ފުރަތަމަ ބުރުގެ މެޗުގައި ނަދާ ދެއްކީ ތަފާތު ހިތްވަރެކެވެ. މުބާރާތުގެ ހަތްވަނައަށް ސީޑް ކޮށްފައިވާ ކުޅުންތެރިޔާ ކަޓުވާލުމާއެކު، އެތައް ސަޕޯޓަރުންނެއް އޭނާއަށް ހިތްވަރު ދީފައިވެއެވެ. އަދި އެ މޮޅާއެކު ނަދާ ވަރަށް ބޮޑަށް އުފާފާޅުކޮށްފައިވެއެވެ.

ނަދާ ބުނީ އޭނާ މާބަނޑުވެ ހުރެ އޮލިމްޕިކްސްގައި ވާދަކުރި ވާހަކަތައް އާންމުންނާ ހިއްސާކުރަން ބޭނުންވަނީ އެކަމަށް ބޭނުންވާ ހިތްވަރާއި، އެކަމަށް އުފުލަން ޖެހޭ ބުރައިގެ އިތުރުން މާބަނޑުވުމަކީ ކަންތައްތައް ހާސިލުކުރަން އޮތް ހުރަހެއް ނޫންކަން ހާމަކުރުމަށް ކަމަށެވެ.

"އަހަންނާއި އަހަންނަށް ލިބެން އޮތް ދަރިފުޅަށް އެތައް ޗެލެންޖްތަކެއް ކުރިމަތިވި. އެއީ ފިޒިކަލް އަދި އެމޯޝަނަލް ޗެލެންޖްތަކެއް. އެއްވެސް މަސައްކަތެއް ކުރަން ނުޖެހޭ ހާލަތުގައިވެސް މާބަނޑު ދުވަސްވަރަކީ އުނދަގޫ ދުވަސްކޮޅެއް. އެ އުނދަގޫ ކަމަށް އިތުރު ޗެލެންޖަކަށް ވަނީ އާންމު ދިރިއުޅުމާއި ކުޅިވަރު ބެލެންސް ކުރަން ޖެހޭތީ. އެހެންވިޔަސް އޮލިމްޕިކްސްގައި ވާދަކުރަން ވޯތު،" ނަދާ ބުންޏެވެ.