ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، އިންޑިއާގެ ޓޫރިޒަމް މިނިސްޓަރު ޝްރީ ގަޖެންދުރަ ސިންގް ޝެކާވަތާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ފައިސަލް، އިންޑިއާގެ ޓޫރިޒަމް މިނިސްޓަރާ ބައްދަލުކުރައްވާފައި މިވަނީ އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް 'ވެލްކަމް އިންޑިއާ'ގެ ނަމުގައި މިއަދު ފެށި ރޯޑްޝޯގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ފައިސަލްގެ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑިއާގެ ޓޫރިޒަމް މިނިސްޓަރާ ބައްދަލުވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ. އެ ބައްދަލުވުމުގައި ދެ ގައުމުގެ ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީއާއި ގެސްޓްހައުސް އެސޯސިއޭޝަން އަދި މަޓާޓޯ ގުޅިގެން ކުރިއަށް ގެންދާ 'ވެލްކަމް އިންޑިއާ' ރޯޑްޝޯ އިންޑިއާގެ ބޮޑު ތިން ސިޓީއެއްގައި ކުރިއަށް ގެންދާނެއެވެ. އެއީ ދިއްލީގެ އިތުރުން މުމްބާއީ އަދި ބެންގަލޫރުގައެވެ.

އިންޑިއާގެ ދިއްލީގައި ހުންނަވައި "ވަން" އަށް މިއަދު ފޯނުން ދެއްވި އިންޓަވިއުއެއްގައި ފައިސަލް ވިދާޅުވީ ދެ ގައުމުގެ ގުޅުން އަނެއްކާވެސް ވަރަށް ރަނގަޅުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ.

އެ ރޯޑްޝޯގެ ފުރަތަމަ އިވެންޓް މިރޭ ދިއްލީގައި ބާއްވަން ނިންމާފައިވާއިރު، އެ ހަރަކާތުގައި އިންޑިއާގެ ޓޫރިޒަމް ދާއިރާގެ 150 އަށްވުރެ ގިނަ ފަރާތްތައް ބައިވެރިވާނޭ ކަމަށް މިނިސްޓަރު ފައިސަލް ވިދާޅުވި އެވެ.

"މިދިޔަ އަހަރު ރާއްޖޭގެ އެއްވަނަ މާކެޓަކީ އިންޑިއާ. އިންޑިއާއިން ދެ ލައްކަ ފަތުރުވެރިން ރާއްޖެއަށް ދިޔަ. މި އަހަރު އަދި އެރީ 71 ހާހަށް. އެކަމަކު އަޅުގަނޑުމެންގެ ޓާގެޓަކީ އަހަރު ނިމޭއިރު، ގަދަ ތިނެއްގެ ތެރޭގައި އިންޑިއާ ހިމެނުން. އެކަންވެސް އިރާދަފުޅުކުރެއްވިއްޔާ ހާސިލުކުރެވޭނެ،" ފައިސަލް ވިދާޅުވިއެވެ.