ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭގެ އާ ގަަވަރުނަރު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

އާ ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އޭނާގެ ނަން މަޖިލީހަށް ފޮނުއްވީ މީގެ ކުރިން ގަވަރުނަރުކަމުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް އެ މަގާމުން ވަކިކުރެއްވުމަށްފަހުއެވެ.

މުނައްވަރު ގަވަރުނަރު ކަމަށް އައްޔަން ކުރުމާގުޅޭ ގޮތުން މަޖިލީހުގައި މިއަދު ވޯޓު ނެގި އިރު، މަޖިލީހުގައި 85 މެންބަރުން ތިއްބެވި ނަމަވެސް އޭނާ އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 78 މެންބަރުންނެވެ. ބާކީ ތިބި ހަތް މެންބަރުން ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

މުނައްވަރުގެ ނަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ރުހުން ހޯއްދެވުމަށް އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުއްވީ މިއަދުއެވެ.

އެ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކުރުމަށްފަހު އެ ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުގައްރިރު މާމިނގިލީ ދާއިރާގެ މެންބަރު ގާސިމު އިބްރާހިމް މިއަދު ވިދާޅުވީ، އެމްއެމްއޭގެ ގަވަރުނަރު ކަމަށް މުނައްވަރު އައްޔަންކުރަން ރައީސަށް މަޝްވަރާ އަރުވަން ކޮމިޓީން 94.43 ޕަސެންޓް މާކްސް މުނައްވަރަށް ދެއްވި ކަމަށެވެ. އެއީ މިހާތަނަށް އެ މަގާމަށް މީހަކު އައްޔަން ކުރުމަށް ކޮމިޓީން އެންމެ މަތީ މާކްސް ލިބުުނު މީހާ ކަމަށްވެސް ވިދާޅުވިއެވެ.

މުނައްވަރަކީ މީގެ ކުރިން ވެސް އެމްއެމްއޭގައި 10 އަހަރު ދުވަސްވަންދެން ހިދުމަތް ކުރައްވައި، ފިނޭންސް މިނިސްޓަރުގެ މަގާމުވެސް އަދާކުރެއްވި އަދި މާލީ ދާއިރާގެ ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

އެމްއެމްއޭގެ ގަަވަރުނަރު ކަމަށް އައްޔަންކުރަން ރައީސް މުއިއްޒު އޭނާގެ ނަން މަޖިލީހަށް ފޮނުއްވި އިރުވެސް އޭނާ ހުންނެވީ، ފިނޭސް މިނިސްޓަރުގެ އެޑްވައިޒަރުކަމުގެ މަގާމުގައެވެ.