އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް އާ ޖަނަރޭޓަރެއް މިހާރު ގެނެސްފައިވާ ކަމަށާއި އަންނަ އޮގަސްޓް މަހުގެ ތެރޭގައި އައްޑޫގެ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ކުރު ރާސްތާގެ ހައްލެއް ގެނެވޭނެ ކަމަށް ކްލައިމެޓްޗޭންޖް އެންޑް އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެެވެ.

ތޯރިގު އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި އައްޑޫގެ ކަރަންޓުގެ މައްސަލައަށް އަވަސް ހައްލެއް ގެނެވޭނީ ކޮންއިރަކުތޯއާއި އެކަމަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ގެންގުޅޭ ވިސްނުމަކީ ކޮބައިތޯ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް މިނިސްޓަރާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ތޯރިގު ވިދާޅުވީ، އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދޭ، ހިތަދޫ ސެންޓްރަލް ޕަވާ ސްޓޭޝަންގެ މައްސަލައަކީ އެމްޑީޕީ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އެ ތަނުގައި ހުރި ޖަނަރޭޓަރުތައް މަރާމާތު ނުކުރެވި، އާ ޖަނަރޭޓަރުތައް ގެނެސްފައި ނުވާތީ ދިމާވެގެން އުޅޭ މައްސަލައެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ތަނުގައި ކަރަންޓް ފޯރުކޮށްދިނުމަށް ހުރި 20 ޖަނަރޭޓަރުގެ ތެރެއިން ފަސް ޖަނަރޭޓަރު ހަލާކުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ، އައްޑޫ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިހާރުގެ ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން ފެނަކައަށް 1.5 މެގަވޮޓްގެ އާ ޖެނަރޭޓަރެއް ގެނެސްފައިވާ ކަމަށާއި އިތުރު ތިން ޖަނަރޭޓަރަށް ބޭނުންވާ ސްޕެއާ ޕާޓްސް ގެނަސްފައިވާ ކަމަށެވެ.

އެ ޖަނަރޭޓަރުތަކާއި އަދި އިތުރު ދެ ޖަނަރޭޓަރު އޯވަހޯލްކުރުމުގެ މަސައްކަތް އަންނަ އޯގަސްޓް މަހު ނިމޭނެ ކަމަށާއި އޭރުން އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ކުރު ރާސްތާގެ ހައްލެއް ގެނެވޭނެ ކަމަށް ވިދާޅުވިއެވެ.