މ. އަތޮޅުގެ ރަށްތަކަށާއި ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ލާމެހި އެކުވެރި ފުޓްސަލް ޗެލެންޖުގެ ފައިނަލަށް ދަ ޑީ އެސް ކޭއާއި ޖޭ ކޮވިގޯނި ދަތުރު ކޮށްފިއެވެ.

މުބާރާތުގެ ފޯރިގަދަ ސެމީ ފައިނަލް ދެމެޗު ރޭ ކުޅެފައިވާ އިރު، މެޗުތައް ކުރިއަށް ދިޔައީ ދިއްގަރު ފުޓްސަލް ދަނޑުގައެވެ. ސެމީ ފުރަތަމަ މެޗުގައި މަޗް ބްލެކާއި ދަ ޑީ އެސް ކޭ ވާދަކޮށް، މެޗު 4-1 އިން ކާމިޔާބުކުރީ ޑީ އެސް ކޭއެވެ.

އެމެޗުގައި ޑީ އެސް ކޭގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދު، އަލީ އަލްސަންއެވެ. އޭގެ އިތުރުން ޑީ އެސް ކޭގެ ގޯލުތައް ޖެހީ އިސްމާއީލް ވާއިލްއާއި މުހައްމަދު ސާގިބެވެ. މަޗް ބްލެކްގެ ހަމައެކަނި ގޯލު ރޭގެ މެޗުގައި ޖެހީ ވިޝާހް ޝަރީފެވެ.

ސެމީގެ ދެވަނަ މެޗު ވާދަވެރިކޮށް ދިޔަ އިރު، އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ކޮވިގޯންޏާއި ޑީ ސީ ޖޭ އޮތީ 2-2 އިން އެއްވަރު ވެފައެވެ. މެޗުގައި ޑީ ސީ ޖޭގެ ދެގޯލު ޖެހީ އަހުމަދު މިދުހަތު މަހުމޫދާއި އިބްރާހީމް ސިމާހް (ތަޑޭ) އެވެ. އަނެއްކޮޅުން ކޮވިގޯނީގެ ގޯލުތައް މެޗުގައި ޖެހީ މުހައްމަދު އައްޒާމާއި މުހައްމަދު އަލީއެވެ.

ޕެނަލްޓީއަށް ގޮސް، ކޮވިގޯނިން ވަނީ އަހުމަދު އަޔާޒް (އަޔާ) އާއި މުހައްމަދު އައްޒާމް އަދި މުހައްމަދު އަލީ ޖެހި ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އަނެއްކޮޅުން ޑީ ސީ ޖޭއަށް ޕެނަލްޓީ ވެއްދުނީ އަލީ ޝާމިސް (ތޮއްޕެ) އާއި ސިމާހް (ތަޑޭ) އަށެވެ.

މިއީ އެކުވެރި ފުޓްސަލް ޗެލެންޖު ބާއްވާ ދެވަނަ އަހަރެވެ. މިދިޔަ އަހަރު މުބާރާތުގެ ފައިނަލުގައި ނާލާފުށި ޔޫތު ކްލަބާއި އެފްސީއެން ވާދަކޮށް، ތަށި ހޯދީ އެފްސީއެންއެވެ. މި އަހަރުގެ ޗެމްޕިއަން ޓީމަށްވެސް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ.

މި އަހަރު މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ ރޭގައެވެ. މި އަހަރު އެކުވެރި ފުޓްސަލް ޗެލެންޖްގެ މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މާދަމާ ރޭ 9:00 ގައެވެ.