އަލްޖީރިއާގެ ޖޫޑޯ އެތުލީޓް، މެއްސޫދު ރެޒުއާން ޑްރިސް، އިޒްރޭލުގެ އެތުލީޓަކާ ވާދަކުރަން ދެކޮޅު ހަދައި، މެޗު ދޫކޮށްލައިފިއެވެ.
ރެޒުއާން، އިޒްރޭލުގެ ތޯހާ ބަޓްބުލްއާ ވާދަކުރަން އޮތީ މިއަދުއެވެ. އެއީ 73 ކިލޯ ކެޓަގަރީގައެވެ. އެ މެޗަށް ބަރުދަން ބެލުން ތާވަލުކޮށްފައި އޮތީ، އާދީއްތަ ދުވަހަށެވެ. ނަމަވެސް އިއްޔެގެ ބަރުދަން ބެލުމަށް ރެޒުއާން ހާޒިރުވެފައެއް ނުވެއެވެ. ބަޓްބުލްއަށް ޖޫޑޯ ފެޑެރޭޝަނުން މެޗު ދީފައިވާއިރު، އެކަމާ އިޒްރޭލުން ވަނީ ޝަކުވާކޮށްފައެވެ.
އޮލިމްޕިކްސް އިން ބުނީ ރެޒުއާން އަމިއްލައަށް މުބާރާތުން ވަކިވީ ކަމަށެވެ. ނަމަވެސް އިޒްރޭލުން މިހާރު ބޭނުންވަނީ އޭނާއަށް ފިޔަވަޅުވެސް އަޅާށެވެ. އިޒްރޭލުގެ އޮލިމްޕިކްސް އިދާރާ އިން ބުނީ ރެޒުއާންގެ ފަރާތުން ފެނުނީ ދުނިޔޭގެ ކުޅިވަރުގައި ފެންނަން ނޭދޭ މަންޒަރެއް ކަމަށާއި އިޒްރޭލާ ޖައްސާލައި ޖައްސާލުން ކުށްވެރިކުރާ ކަމަށެވެ.
އިޒްރޭލުން ހުއްޓުމެއް ނެތި ފަލަސްތީނުގެ ގާޒާއަށް ހަމަލާދީ އެތައް ބަޔަކު މަރަމުންދާއިރު ދުނިޔޭގެ އެކިއެކި ސަރަހައްދުތަކުގައި ދަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 500 އެއްހާ އެތުލީޓުންވެސް މަރުވެފައިވާ އިރު، ކުޅިވަރު ދުނިޔެ އިން އެކަމަށް ބީރު ކަންފަތެއް ދެމުންދާތީ، މުސްލިމު ގިނަ ގައުމުތަކަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ފްރާންސްގެ ބައެއް ސަރަހައްދުތަކުގައިވެސް އެކަމަށް އަޑު އުފުލާފައިވެއެވެ.
ރަޝިޔާއާއި ޔުކްރެއިން ހަނގުރާމައިގެ ސަބަބުން، ރަޝިއާ ކުޅިވަރުން ބޭރުކޮށްފައިވާ އިރު، އެ ގައުމުގެ އެތުލީޓުންނަށް މިފަހަރުގެ އޮލިމްޕިކްސްގައި ވެސް އަމިއްލަ ގައުމެއް ރަމްޒެއް ނުކުރެވެއެވެ. އޭގެ ބަދަލުގައި ރަޝިޔާގެ އެތުލީޓުންނަށް ބައިވެރިވެވެނީ ނިއުޓްރަލް އެތުލީޓުންގެ ގޮތުގައެވެ. އެކަން އެހެން އޮތް ނަމަވެސް، އިޒްރޭލަށް ފިޔަވަޅެއް ނާޅާތީ، ފަލަސްތީނުގެ އޮލިމްޕިކްސް ކޮމިޓީން ވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.
މީގެ ކުރިންވެސް އަލްޖީރިއާގެ ޖޫޑޯ އެލުލީޓެއް ކަމަށްވާ ފެތީ ނޫރިން ވަނީ 2021 ވަނަ އަހަރު ޓޯކިޔޯ އޮލިމްޕިކްސްގައިވެސް އިޒްރޭލުގެ އެތުލީޓު ބަޓްބުލްއާ ވާދަކުރަން ދެކޮޅު ހަދައިފައެވެ. އެފަހަރު ނޫރިން ވަނީ 10 އަހަރަށް ބޭން ކޮށް އަދަބު ދީފައެވެ.
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް