ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭގެ އާ ގަަވަރުނަރު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ރުހުންދޭން ދެންމެ ފާސްކޮށްފިއެވެ.

އާ ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އޭނާގެ ނަން މަޖިލީހަށް ފޮނުއްވީ، މީގެކުރިން ގަވަރުނަރުކަމުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް އެ މަގާމުން ވަކިކުރެއްވުމަށްފަހުގައެވެ.

މުނައްވަރާ ބެހޭގޮތުން އެކިއެކި މުއައްސަސާތަކުން ހޯދަންޖެހޭ މައުލޫމާތު ކޮމިޓީއަށް ވަނީ ހޯދައިފައެވެ. އެހެންކަމުން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދިޔައީ މުނައްވަރާ އިންޓަވިއު ކުރުމެވެ.

ދެ ގަޑިއިރަށް ކުރިއަށްދިޔަ އިންޓަވިއުއަށް ފަހު، މުނައްވަރު އެ މަގާމަށް އައްޔަން ކުރަން 70 އަށް ވުރެ ގިނަ މާކްސް ލިބިފައިވާ ކަމަށް ވިދާޅުވެ، އެ މަގާމަށް އޭނާ އައްޔަން ކުރަން ފެންނަ ކަމަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްއެވެ.

އެ ހުށަހެޅުން ފާސްވީ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ދެން އޭނާއަށް މަޖިލީހުގެ ރުހުން ހޮއްދެވުމަށް، ކޮމިޓީން އެ މައްސަލަ ފޮނުވާނީ މަޖިލިސް ތަޅުމަށެވެ.