މ. އަތޮޅުގެ ރަށްތަކަށާއި ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ލާމެހި އެކުވެރި ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި މަޗް ބްލެކާއި ދަ ޑީ އެސް ކޭ ވާދަކުރަން ޖެހުނު އިރު، ސެމީ ދެވަނަ މެޗުގައި ޖޭ ކޮވިގޯންޏާއި ޑީ ސީ ޖޭ ވާދަކުރަން ޖެހިއްޖެއެވެ.
މަޗް ބްލަކުން ގްރޫޕް އޭގެ އެއްވަނަ ހޯދީ ފައިދާ ގޯލުގެ ފަރަގުން ޑީ ސީ ޖޭއަށްވުރެ ކުރިއަށް ޖެހިގެންނެވެ. ދެޓީމަށްވެސް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާ އިރު، އަނެއް ގްރޫޕްގެ އެއްވަނަ ކޮވިގޯނިން ހޯދީ ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެގެންނެވެ. އެ ގްރޫޕްގެ ދެވަނަ ޑީ އެސް ކޭ އިން ހޯދީ ތިން މެޗުން ހަތަރު ޕޮއިންޓާއެކު، ފައިދާ ގޯލެއް ނެތިއެވެ. ގްރޫޕް ބީގެ ތިންވަނައިގައި އޮތް ފޫލްސް އެސްސީއަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބުނު ނަމަވެސް، އެޓީމުން ނިންމާލީ މައިނަސް އެއް ގޯލާއެކުގައެވެ.
މަޗް ބްލެކުން ސެމީ ޔަގީންކުރީ ރޭ ރަތްމަންދޫ 7-1 އިން ބަލިކޮށްގެންނެވެ. އެ މެޗުގައި މަޗް ބްލެކްގެ އިކްރާމް ހުސައިން އަދި އަބްދުﷲ ޒުބައިރުވެސް ހެޓްރިކް ހަދާފައިވާ އިރު، އަނެއް ގޯލަކީ މޫސާ ނައީމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ރަތްމަންދޫގެ ގޯލު ޖެހީ ޝަވާއިޒު މުހައްމަދު ޝިފާއުއެވެ.
ފޫލްސްއާއި ޑީ އެސް ކޭ ރޭ ކުޅުނު ފޯރިގަދަ މެޗު އެއްވަރުވެފައިވާ އިރު، އެމެޗު ނިމުނީ 5-5 އިންނެވެ. ޑީ އެސް ކޭ ސެމީއަށް ގެންގޮސްދޭން އަލީ އަލްސަން ހެޓްރިކް ހެދި އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ މުހައްމަދު ސާގިބެވެ. ފޫލްސް އެސްސީން ރޭގެ މެޗުގައި ގޯލުތައް ޖެހީ އިބްރާހީމް އަތީގު ހަސަނާއި އަލީ ޝަމާލް އަބްދުﷲ އަދި މިލްހާން އިބްރާހީމެވެ. އަތީގާއި ޝަމާލް ވަނީ ކޮންމެ ކުޅުންތެރިޔަކުވެސް މެޗުގައި ދެ ގޯލު ޖަހައިފައެވެ.
ޑީ ސީ ޖޭ ސެމީ ޔަގީންކުރީ ހަނިމޮޅަކުން ނާލާފުށި ވައިސީ ބަލިކޮށްގެންނެވެ. އެ މެޗު 1-0 އިން ނިމުނު އިރު، ޑީ ސީ ޖޭގެ ހަމައެކަނި ގޯލު ޖެހީ އިބްރާހީމް ސިމާހެވެ.
ރޭ ކޮވިގޯނިން ކުޅުނު މެޗުގައި އެފްސީ ބާޒު ކައިރިން މޮޅުވީ 6-2 އިންނެވެ. މެޗުގައި ކޮވިގޯނީގެ މުހައްމަދު އައްޒާމް ހެޓްރިކް ހެދި އިރު، އަޔާޒް އަހުމަދު (އަޔާ) އާއި އަލީ މާޖިދު ގޯލުތައް ޖެހިއެވެ. އަލީ މާޖިދު މެޗުގައި ދެ ގޯލު ޖެހިއެވެ. ބާޒުގެ ދެ ގޯލުވެސް ޖެހީ މުހައްމަދު އިޔާދު އަލީ އެވެ.
މިއީ އެކުވެރި ފުޓްސަލް ޗެލެންޖު ބާއްވާ ދެވަނަ އަހަރެވެ. މިދިޔަ އަހަރު މުބާރާތުގެ ފައިނަލުގައި ނާލާފުށި ޔޫތު ކްލަބާއި އެފްސީއެން ވާދަކޮށް، ތަށި ހޯދީ އެފްސީއެންއެވެ. މި އަހަރުގެ ޗެމްޕިއަން ޓީމަށްވެސް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ.
މި އަހަރު މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ ރޭގައެވެ. މި އަހަރު އެކުވެރި ފުޓްސަލް ޗެލެންޖްގެ މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
ސެމީ މެޗުތައް މިރޭ އޮންނަ އިރު، ފުރަތަމަ މެޗު އޮންނާނީ މިރޭ 8:30 ގައެވެ. އެ މެޗުގައި ވާދަކުރާނީ މަޗް ބްލެކާއި ދަ ޑީ އެސް ކޭއެވެ. ދެވަނަ މެޗު މިރޭ 9:30 ގައި އޮންނަ އިރު، އެ މެޗުގައި ކޮވިގޯނި ނުކުންނާނީ ޑީ ސީ ޖޭއާ ދެކޮޅަށެވެ. މެޗުތައް ކުރިއަށްދާނީ ދިއްގަރު ފުޓްސަލް ދަނޑުގައެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް