ރައީސް އޮފީހުގެ ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ހާމިދު ޝަފީއު ނިޔާވެއްޖެއެވެ.
ހއ. އިހަވަންދުއަށް ނިސްބަތްވާ ހާމިދު ނިޔާވި ސަބަބެއް ސާފެއް ނޫނެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އޭނާ ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގައި އިންޑިއާގައެވެ.
ރައީސް އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަގާމަށް ހާމިދު އައްޔަނުކުރެއްވީ ރައީސް ސޯލިހުގެ ވެރިކަމުގައި 28 ނޮވެންބަރު 2019 ގައެވެ. އެ މަނިކުފާނުގެ ވެރިކަން ނިމެންދެން ހާމިދު ހުންނެވީ އެ މަގާމުގައެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ، ހާމިދުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.
ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ހާމިދަކީ ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ނަން ފަވާލެވޭ ބޭފުޅެކެވެ. އަދި އޭނާއަކީ އެރާއިން ގައުމަށާއި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.
ހާމިދަކީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ ކޮލެޖް އޮފް ލަންޑަންގައި ކޮމްޕިއުޓާ ސައިންސްގެ ރޮނގުން ބެޗެލާ އޮފް ސައިންސް (އޮނާސް) ޑިގްރީއެއް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ނުޓަނިކްސް ސަޕޯޓް ސްޕެޝަލިސްޓެއްގެ އިތުރުން ސިސްކޯ މެރާކީ ސަޕޯޓް ސްޕެޝަލިސްޓެކެވެ.
ހާމިދު ވަނީ 1998 އާއި 2007 އާ ދެމެދު ރައީސް އޮފީހުގެ އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓުގައި މެނޭޖަރު ޓެކްނިކަލް ސާވިސަސް ޔުނިޓް އަދި ޗީފް ނެޓްވޯކް އެޑްމިނިސްޓްރޭޓަރުގެ މަގާމުވެސް ފުރުއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު