މ. އަތޮޅުގެ ރަށްތަކަށާއި ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ލާމެހި އެކުވެރި ފުޓްސަލް ޗެލެންޖު އިއްޔެ ފަށައިފިއެވެ.
މިދިޔަ އަހަރުވެސް ފޯރިގަދަކޮށް ފެނިގެންދިޔަ އެކުވެރި ފުޓްސަލް ޗެލެންޖުގެ މި އަހަރު މުބާރާތް ދިއްގަރު ފުޓްސަލް ދަނޑުގައި ފެށީ އަށް ޓީމަކާއެކުގައެވެ. އެއީ ދިއްގަރުގެ ހަތަރު ޓީމާއި މ. މަޑުއްވަރީގެ ދެ ޓީމާއި މ. ރަތްމަންދޫން ޓީމެއް އަދި މ. ނާލާފުށިން ޓީމެކެވެ. މުބާރާތް އިއްޔެ ފެށީ ހާއްސަ އިވެންޓަކާއެކުގައެވެ.
އިއްޔެ ހަވީރާއި ރޭވެސް މެޗުތައް ކުރިއަށް ގޮސްފައިވާ އިރު، ގްރޫޕް އޭ އިން ދެ މެޗު، ގްރޫޕް ބީން ދެ މެޗު މިހާތަނަށް ވަނީ ކުޅެފައެވެ.
މުބާރާތް އިއްޔެ ފެށީ ޑީ ސީ ޖޭ އެސްސީން ރަތްމަންދޫ އެފްސީއާ ދެކޮޅަށް ކުޅުނު މެޗާއެކުއެވެ. އެ މެޗު 2-0ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ ޑީ ސީ ޖޭއިންނެވެ. އެ މެޗުގައި ދެ ގޯލުވެސް ޖެހީ ޑީ ސީ ޖޭގެ އިބްރާހީމް ސިމާހެވެ. ސިމާހު ޖެހި ގޯލާއެކު އޭނާ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ.
ރޭ ތިން މެޗެއް ކުޅެފައިވާ އިރު، ރޭގެ ފުރަތަމަ މެޗަކީ ގްރޫޕް ބީގެ މެޗެކެވެ. އެ މެޗުގައި ފޫލްސް އެސްސީން ނުކުތީ ޖޭ ކޮވިގޯންޏާ ދެކޮޅަށެވެ. ވަރުގަދަކޮށް މިފަހަރުގެ މުބާރާތަށް ނުކުތް ކޮވިގޯނިން މެޗު ކާމިޔާބުކުރީ 5-2 އިން ފޫލްސް އެސްސީ ބަލިކޮށްގެންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކޮވިގޯނީގެ އަޔާޒް އަހުމަދު ދެ ގޯލު ޖެހި އިރު، އޭނާގެ އިތުރުން މުހައްމަދު އަލީވެސް ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. އެ ޓީމުގެ އަނެއް ގޯލު ޖެހީ މުހައްމަދު އައްޒާމެވެ. އަނެއްކޮޅުން ފޫލްސް އެސްސީގެ ގޯލުތައް ޖެހީ އަލީ ޝަމާލް އަބްދުﷲ އާއި އިސްމާއީލް ނާޝިދެވެ.
ރޭ ގްރޫޕް އޭގައި މަޗް ބްލެކާއި ނާލާފުށި ވައިސީ ވާދަކުރި މެޗު މަޗް ބްލެކުން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލު ޖެހީ އިކްރާމް ހުސައިނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އޭނާއެވެ.
ރޭގެ ފަހު މެޗަކީ ގްރޫޕް ބީގައި ދަ ޑީ އެސް ކޭ އާއި އެފްސީ ބާޒު ވާދަކުރި މެޗެވެ. އެ މެޗު 3-1 އިން ކާމިޔާބު ކުރީ ދަ ޑީ އެސް ކޭއެވެ. މެޗުގައި ޑީ އެސް ކޭގެ ގޯލުތައް ޖެހީ އަލީ އަލްސަންއާއި އިސްމާއީލް ވާއިލްގެ އިތުރުން މުސްއަބު ބިން އަހުމަދެވެ. ބާޒުގެ ހަމައެކަނި ގޯލު ޖެހީ ތޮލާލް ނަސީރެވެ.
މިއީ އެކުވެރި ފުޓްސަލް ޗެލެންޖު ބާއްވާ ދެވަނަ އަހަރެވެ. މިދިޔަ އަހަރު މުބާރާތުގެ ފައިނަލުގައި ނާލާފުށި ޔޫތު ކްލަބާއި އެފްސީއެން ވާދަކޮށް، ތަށި ހޯދީ އެފްސީއެންއެވެ. މި އަހަރުގެ ޗެމްޕިއަން ޓީމަށްވެސް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ.
މި އަހަރު މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ ރޭގައެވެ. މި އަހަރު އެކުވެރި ފުޓްސަލް ޗެލެންޖްގެ މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް މިއަދުވެސް އޮންނާނެއެވެ.
17:00 ކޮވިގޯނި - ޑީ އެސް ކޭ
20:15 ޑީ ސީ ޖޭ އެސްސީ - މަޗް ބްލެކް
21:15 ފޫލްސް އެސްސީ - އެފްސީ ބާޒު
22:15 ރަތްމަންދޫ އެފްސީ - ނާލާފުށި ވައިސީ
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް