ޕެރިސް އޮލިމްޕިކްސްގައި ވާދަކުރުމަށް ފުރުސަތު ހޯދަން ވެގެން އޮސްޓްރޭލިއާގެ ފީލްޑް ހޮކީ އެތުލީޓެއް ކަމަށްވާ މެޓް ޑޯސަން، ކަނާތުގެ އިނގިއްޔެއް ބުރިކޮށްލައިފިއެވެ.

ޑޯސަންގެ ކަނާތުގެ އިނގިލި ބިންދައިގެން ގޮސްފައިވަނީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އޮސްޓްރޭލިއާ ޕާތުގައި ޓީމުން ކުރި ތަމްރީން ތަކެއްގައެވެ. އުމުރުން 30 އަހަރު ޑޯސަންއަށް އަނިޔާވުމުން، ބިނދުނު އިނގިލި ރަނގަޅު ކުރަން ޖެހުނީ ސާޖަރީއަކަށް ދާށެވެ. ނަމަވެސް ސާޖަރީއަކަށް ގޮސްފި ނަމަ، އޭނާއަށް އޮލިމްޕިކްސްއަށް ނުދެވޭނެތީ އެއަށްވުރެ އަވަހަށް ރިކަވާ ކުރެވެން އޮތް ގޮތަކީ އިނގިލި ބުރުކޮށްލުމެވެ.

ފުރަތަމަ ބަދައިން އޭނާގެ އިނގިލި ބުރިކޮށްލީ ޕްލާސްޓިކް ސާޖަންއަކާ ވާހަކަ ދައްކައިފައެވެ. އޭނާ ބުނެފައި ވަނީ އިނގިލި ބުރިކޮށް ނުލައި، ރިކަވާވުމަށް ގިނަ ދުވަސްތަކެއް ނެގި ނަމަވެސް، ބުރިކޮށްލުމުން 10 ދުވަހުގެ ތެރޭގައި ރަނގަޅުވާނެ ކަމަށް ޑޮކްޓަރު ބުނި ކަމަށެވެ.

"އިނގިލި ބިނދިފައި އޮތްތަން ފެނުނީމައި އެ ހިސާބުން ހިތަށް އެރި ދެން އޮލިމްޕިކްސްއަކަށް ނުދެވޭނޭ. މިހާ ހިސާބުން ނިމުނީއޭ. އެ ހިސާބުން އަންހެނުންވެސް ބުނި އަވަސް އަރުވާލައިގެން ކަމެއް ނުކުރައްޗޭ. އެހެންވިޔަސް އަހަރެން މިހާރު މި ހުރީ ކެރިއަރުގެ ފަހު ކޮޅުގައި. އެހެންވެ އިނގިލި ބުރިކޮށްލައިގެންވެސް އޮލިމްޕިކްސް އިން ފުރުސަތު ހޯދަން ބޭނުންވި. އެހެންވެ އަންހެނުންނަށް ގުޅާފައި ބުރިކޮށްލީ. އެންމެ ފިޓް ނޫނަސް، އަހަންނަށް މިހާރު އޮލިމްޕިކްސްގައި ކުޅެވޭނެ،" ޑޯސަން ބުންޏެވެ.

އޮސްޓްރޭލިއާގެ ކޯޗު، ކޮލިން ބެޗާއި އަރާން ޒަލެވްސްކީއަށްވެސް ޑޯސަން ކަންކުރި ގޮތުން ހައިރާންކަން ލިބުނު ނަމަވެސް ކޯޗާއި ކެޕްޓަންވެސް ވަނީ އޭނާގެ ގުރުބާނީ ފާހަގަކޮށްފައެވެ.

އޮސްޓްރޭލިއާ އިން އާޖެންޓީނާއާ ދެކޮޅަށް މިއަދު ފުރަތަމަ ހޮކީ މެޗުގައި ނުކުންނަ އިރު، ޑޯސަންއަކީ މީގެ ކުރިން އާޖެންޓީނާ އާއެކު 2018 ވަނަ އަހަރު ކޮމަންވެލްތް ގޭމްސްގައި ރަން މެޑަލް ހޯދައި، 2020 ވަނަ އަހަރު ޓޯކިއޯ އޮލިމްޕިކްސްގައި ރިހި މެޑަލްވެސް ހޯދި އެތުލީޓެކެވެ. 2018 ވަނަ އަހަރު ކޮމަންވެލްތް ގޭމްސްގެ ކުރިން ހޮކީ ދަނޑިގަނޑުން މޫނުމަތީގައި ޖެހި ޑޯސަންއަށް ބޮޑު އަނިޔާއެއްވި ނަމަވެސް، އޭނާ އެ ފަހަރުވެސް ރިކަވާވެ ކުޅުނެވެ. މިހާރުވެސް ލޮލު ކައިރިން އެ އަނިޔާގެ ނިޝާން ފެންނަން ހުރެއެވެ.