ސަރުކާރުގެ އަމާޒަކީ ގިރާވަރާއި އުތުރުތިލަފަޅާ ދެމެދު ބުރިޖު އެޅުމުގެ މަސައްކަތް 2026 ވަނަ އަހަރު ފަށައި 2029 ވަނަ އަހަރުގެ ނިޔަލަށް ނިންމާލުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ފަރާތުން، ޗައިނާއަށް މިފަހުން ވަޑައިގެންނެވި މިނިސްޓަރުންގެ ޓީމުން ޗައިނާގެ އޭޝިއާ އިންފްރާންސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ ރައީސްއާ ބައްދަލުކުރައްވައި ގިރާވަރާއި އުތުރުތިލަފަޅު ގުޅާލުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މިހާރު ދަނީ އެ މަޝްރޫއުއަށް ފައިސާ ހޯދުމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ 2026 ގައި މި ދެ ބުރިޖުގެ އަމަލީ މަސައްކަތް ފެށުން. 2026 ގައި އަމަލީ މަސައްކަތް ފަށައި ތިން އަހަރުތެރޭ ގިނަވެގެން ތިން އަހަރުތެރޭ 2029 ނިމެންވާއިރަށް އުތުރުތިލަފަޅާ ހަމައަށް ބުރިޖުން ގުޅުވާލުން" ރައީސް ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އުތުރުތިލަފަޅުން ބައެއް ހާއްސަ ކުރަން ނިންމީ މާލޭގައި ދިރިއުޅޭތާ 20 އަހަރަށްވުރެ ގިނަ ދުވަސްވީ މީހުންނާއި ދަފުތަރުގައި ރަޖިސްޓްރީވެފައިވާ 20 އަހަރުވީ މީހުންނަށެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައިސް އުތުރުތިލަފަޅުން ގޯތި ނުދީ، ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއެއް ހިންގަން ނިންމިއެވެ.

ރައީސް ރޭ ވިދާޅުވީ، ދަނޑުވެރިކަމުގެ މަޝްރޫއުއަށް އުތުރުތިލަފަޅުން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ތަނުގައި ހައްދާނީ ރާއްޖެއަށް މައިގަނޑު ގޮތެއްގައި ބޭނުންވާ ދަނޑުވެރިކަމުގެ ބާވަތް ކަމަށާއި އެކަމުގެ ސަބަބުން ރާއްޖެއިން ބޭރުން އެ ތަކެތި ގަތުމަށް ކުރާ ހަރަދު ސަލާމަތްވެ އިގުތިސޯދީ ފުދުންތެރިކަން ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.