ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އަށް މިހާރު 64 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ސޮވެރިން ފަންޑުގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރު ކަމަށެވެ. ސޮވެރިން ފަންޑަށް ޖަމާކުރާ ބޭރު ފައިސާއަކީ ދަރަނިތައް ދެއްކުމަށް ޖަމާކުރާ ފައިސާތައް ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އިގުތިސޯދީ އެޖެންޑާ ތަންފީޒުކުރަން ފަށައި، މިއަދުގެ ހާލަތު، މިއަދު 26 ޖުލައިއާ ހަމައަށް މި ދެންނެވި 2 މިލިޔަން ޑޮލަރުގައި ހުރި ފަންޑަށް އަޅުގަނޑުމެން ޖަމާކޮށްފިން މިހާރު 65 މިލިޔަން ޑޮލަރު،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމޭއިރު ސޮވެރިން ފަންޑަށް 100 މިލިއަން ޑޮލަރު ޖަމާކުރުން ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އެކި ފަރާތްތަކުން ދައުލަތައް ނުދައްކާ ހުރި 13 ބިލިއަން ރުފިޔާ އެބަހުރި ކަމަށެވެ. ސަރުކާރުން މިހާރު ވަނީ އެ ފައިސާ ހޯދުމުގެ މަސައްކަތް ފަށައިފައި ކަމަށް ރައީސް ވިދާޅުވިއެވެ.
"ބިމުގެ ކުލީގެ ގޮތުގައި އަޅުގަނޑުމެންނާ ވެރިކަން ހަވާލުވި އިރުގައި ނުހޯދައި، އެކަމު ދައުލަތަށް ލިބެންޖެހޭ ރައްޔިތުންގެ ފައިސާ މިއީ، 513 މިލިޔަން ޑޮލަރު އެބަހުރި. ޓީޖީއެސްޓީގެ ގޮތުގައި 102 މިލިޔަން ޑޮލަރު ނުހޯދާ، މިއީވެސް ލިބެންޖެހޭ ފައިސާ. ޖީއެސްޓީގެ ގޮތުގައިވެސް 3 ބިލިޔަނަށް ރުފިޔާއަށްވުރެ ބޮޑު އެއްޗެއް ލިބެންޖެހޭ،" ރައީސް ވިދާޅުވިއެވެ.
އެ 13 ބިލިއަން ރުފިޔާއަކީ ދައުލަތުގެ ދަރަނި އެއްކޮށްހެން ހަލާސްކުރެވޭ ވަރުގެ އަދަދެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު