އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށުން ކަރަންޓު ކެނޑުނީ، އެ ސިޓީގެ މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ އެފްކޮން ކުންފުނީގެ އަތުން ހިތަދޫއާ ގުޅިފައިވާ އެޗްވީ ކޭބަލަށް ގެއްލުންވުމުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އައްޑޫ ސިޓީގައި މިހާރު ހުރި ޖެންސެޓުތަކުގެ ތެރެއިން 1.8 މެގަވޮޓްގެ އިންޖީނަށް ދިމާވެފައިވާ މައްސަލައަކާ ގުޅިގެން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ބޭނުންވާ މިންވަރަށް ކަރަންޓު އުފެއްދުމުގައި ދަތިތަކާ ކުރިމަތިވެފައިވާާ ކަމަށެވެ.

އެ އިންޖީނު މަރާމާތުކުރަން ބޭނުންވާ ސްޕެއާ ރާއްޖެ އިން ނުލިބޭތީ ސްޕެއާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި ސްޕެއާ ހޯދައިގެން އިންޖީނު މަރާމާތުކުރުމުގެ އިތުރުން އެ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކައިން ބުންޏެވެ.

ފެނަކަ އިން ބުނީ، އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެ ސިޓީއަށް 1.6 މެގަވޮޓުގެ އާ ޖެންސެޓެއް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޖެންސެޓް ގެންދެވެން ދެން އައްޑޫގެ ކަރަންޓު ނެޓްވޯކަށް ދިމާވި މައްސަލައަށް ވަގުތީ ހައްލެއް މިހާރު ގެނެސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.