ޔޫރަޕުގެ އެންމެ ކާމިޔާބު ކްލަބު، ރެއާލް މެޑްރިޑަށް މިދިޔަ ސީޒަނުގައި އެކަނިވެސް އެއް ބިލިއަން ޔޫރޯއަށްވުރެ ބޮޑު އާމްދަނީއެއް ލިބިއްޖެއެވެ.
ރެއާލްއަކީ ފުޓްބޯޅަ ކްލަބަކަށް އެއް ބިލިއަނަށްވުރެ ބޮޑު އާމްދަނީއެއް އެއް ސީޒަނެއްގެ ތެރޭގައި ހޯދި ހަމައެކަނި ކްލަބެވެ. ރެއާލަށް މިދިޔަ ސީޒަނުގައި އެހާ ބޮޑު އާމްދަނީއެއް ލިބުނުކަން އިއުލާން ކޮށްފައިވަނީ އިއްޔެ ބޯޑުން ބޭއްވި ހާއްސަ ބައްދަލުވުމުގައެވެ.
އެ ބައްދަލުވުމުގައި ރެއާލްގެ ބޯޑުން ބުނެފައިވަނީ މިދިޔަ ސީޒަނުގައި ރެއާލްގެ ފުރާޅުގެ ދަށުގައި ހިމެނޭ ކުޅިވަރު ވަސީލަތްތަކުން އެ ކްލަބަށް 1.073 ބިލިއަން ޔޫރޯ ވަދެފައިވާ ކަމަށެވެ. އެއީ އޭގެ ކުރީ ސީޒަނަށްވުރެ 27 ގުނަ އިތުރު އަދަދެކެވެ. ބްރޭންޑްގެ އަގުވެސް އެންމެ ބޮޑު ކްލަބަށް މިދިޔަ ސީޒަނުގައި ފުޓްބޯޅައިގެ އިތުރުން ބާސްކެޓުންވެސް ބޮޑު ފައިދާއެއް ލިބިފައިވެއެވެ.
މިދިޔަ ސީޒަނުގައި ރެއާލުން މިދިޔަ 10 އަހަރު ތެރޭގައި ހަވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ލީގާއި ސުޕަ ކަޕްވެސް ހޯދިއެވެ. އޭގެ އިތުރުން އެ ކްލަބުގެ ބާސްކެޓް ޓީމުން ވަނީ ސްޕެއިންގެ ބާސްކެޓް ލީގާއި ކަޕްގެ އިތުރުން ޔޫރޯ ލީގުގެ ފައިނަލުގައި ކުޅެފައެވެ.
ރެއާލުން ޓީމުގެ އެކިއެކި ހަރަދުތަކަށް މިދިޔަ ސީޒަނުގައި 156 މިލިއަން ޔޫރޯ ހޭދަ ކުރިއެވެ. އެއީ 71 ޕަސެންޓް އިތުރު އަދަދެއް ނަމަވެސް އެ ޓީމަށް ފައިދާ ބޮޑުވީ ސްޓޭޑިއަމަށް ގެނައި ބަދަލާވެސް އެކުގައެވެ. ހާއްސަކޮށް އިތުރު އިވެންޓްތައް ސްޓޭޑިއަމްގައި ބާއްވަން ފެށުމާއި ސްޕޮންސާޝިޕް ބޮޑުވުންވެސް އެއީ ރެއާލަށް އާމްދަނީ އިތުރުވާން ދިމާވި އެއް ސަބަބެވެ.
ރެއާލަށް ޖެހުނު ފައިސާ އިން ޓެކްސްއަށްވެސް ކަނޑާލައި، އެ ޓީމަށް 16 މިލިއަން ޔޫރޯގެ ސާފު ފައިދާވިއެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް