ބަންގްލަދޭޝްގައި ތިބި ދިވެހި ދަރިވަރުންނަށް ކާފިއު ގަޑިތަކުގައި ބޭރަށް ނުކުމެ އުޅުމުގައާއި ވަޒީފާއަށް ދިއުމުގައި ލުއިގޮތްތަކެއް އެ ގައުމުން ހަމަޖައްސައިދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ގައުމުގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކޮށްފައިވާ ދިވެހީންގެ ހާލު، ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.
އެގޮތުން ޗިޓަގޮންގްގައި 75 ދަރިވަރުން، ޑާކާގައި ހަތް ދަރިވަރުން އަދި ކޮމިލާގައި އެއް ދަރިވަރެ ހުރި އިރު އެ ހުރިހާ ދަރިވަރުންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި ބަންގްލަދޭޝުގައި މި ވަގުތު ތިބި ކަމަށް ހައި ކޮމިޝަނަށް މައުލޫމާތު ލިބިފައިވާ 99 ދިވެހި ރައްޔިތުންގެ ހާލު ޖުމުލަ ގޮތެއްގައި ރަނގަޅު ކަމަށްވެސް ހައި ކޮމިޝަނާ ހަވާލާދީ ފޮރިން މިނިސްޓްރީން ބުންޏެވެ.
"ޑާކާގެ ޔުނިވާސިޓީއެއްގައި ކިޔަވާ ދަރިވަރެއް، އެތަނުގެ ޑޯމިޓަރީ ބަންދުކުރުމުން، ހައި ކޮމިޝަންގެ އެހީތެރިކަމާއެކު މިހާރު ވަނީ އެހެން ސަރަހައްދަކަށް ބަދަލުކުރެވިފަ. އަދި ޗިޓަގޮންގް މެޑިކަލް ކޮލެޖު ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕް ހަދަމުންދާ ދަރިވަރުންނަށް ކާފިއު ގަޑިތަކުގައި ވަޒީފާއަށް ނުކުމެ އުޅުމުގައި ލުއި ގޮތްތައް ހައި ކޮމިޝަން މެދުވެރިވެގެން ވަނީ ހަމަޖައްސައިދީފަ" ފޮރިން މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން އިތުރަށް ބުނީ ބަންގްލަދޭޝްގެ އުތުރުގެ މެޑިކަލް ސްކޫލްތަކުގައި ކިޔަވަމުންދާ ދެ ދަރިވަރަކު ބޯޑާ ހުރަސްކުރުމުގައި އެހީތެރިކަމަށް އެދުމުން ހައި ކޮމިޝަނާއި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން އެކަމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ.
އަދި ބަންގްލަދޭޝްގައި ތިބި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުށް ބަންގްލަދޭޝް ސަރުކާރާއި ވާހަކަދައްކައި ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
"މި ވަގުތު ބަންގްލަދޭޝްގައި ކާފިއު އިއުލާން ކޮށްފައިވުމުން، ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދެއްވާފައިވާ ގޮތަށް ބޭރަށް ނުކުމެ ނޫޅުމަށާއި ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް މި މިނިސްޓްރީން ތަކުރާރުކޮށް އިލްތިމާސް ކުރަމެވެ." ފޮރިން މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު