ސައިބަ ކްރައިމްގެ އަމަލުތަކަކީ ކުށްކަމަށް ކަނޑައެޅުމާ ބެހޭ ބިލާއި އެފަދަ ކުށްތަކާބެހޭ މައުލޫމާތާއި ހެތްކާ ބެހޭގޮތުން އެހެން ގައުމުތަކާ އެކު ގާނޫނީ އެހީތެރިކަން ބަދަލު ކުރެވޭގޮތަށް ގާނޫނު އިސްލާހު ކުރަން ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައި ގަނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ދެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަން ބޭނުން ކުރިހާ މެންބަރުންނަށް ފުރުސަތު ދެއްވުމަށްފަހު އެ ދެ ބިލް މަޖިލީހަށް ބަލައި ގަނޭތޯ ވޯޓަށް އެހިއެވެ. އެ ވޯޓުގައި ދެ ބިލް މަޖިލީހަށް ބަލައި ގަތުމުން އިތުރަށް ދިރާސާ ކުރުމަށް އެ ދެ ބިލް ވެސް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވިއެވެ.

ސައިބާ ކްރައިމްއާ ގުޅުން ހުރި އަމަލުތަކަކީ ކުށްކަމުގައި ކަނޑައެޅުމަށް ޓަކައި ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުން މަޖިލީހަށް ފޮނުވި ބިލް މަޖިލީހަށް ހުށަހެޅުއްވީ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމެވެ.

މި ބިލިގައި ވަނީ ސައިބާ ކްރައިމްއާ ގުޅުން ހުރި ކުށްތައް ހިމަނައި، ގާނޫނުލް އުގޫބާތަށް ބާބެއް އިތުރު ކުރުމަށް ހުށަހަޅައިފައެވެ.

މި ގާނޫނުގެ 240 ވަނަ ބާބުގެ ގޮތުގައި ހުށަހަޅާފައިވާ މި ބިލްގައި ވަނީ ކޮމްޕިއުޓަރު އަދި ކޮމްޕިއުޓަރާ ގުޅުން ހުރި ކުށްތައް ބަޔާންކޮށްފައެވެ.

މި އިސްލާހުގެ ދަށުން ހުއްދަނެތި ކޮމްޕިއުޓާ ސިސްޓަމަކަށް އެކްސެސްވުމާއި ހުއްދަނެތި ކޮމްޕިއުޓާ ޑޭޓާ އިންޓަސެޕްޓް ކުރުމާއި އިންޓަފިއާ ކުރުމާއި ނަހަމަ ގޮތުގައި ޑިވައިސްތައް ބޭނުންކުރުން ކުށެއްގެ ގޮތުގައި ބެލެވޭނެއެވެ. އަދި ސައިބާ ވަޔަލަންސްގެ އަމަލުތަކާއި ކޮމްޕިއުޓަރާ ގުޅުންހުރި ފޯޖަރީގެ އަމަލުތަކާއި އޮޅުވާލުމުގެ އަމަލުތަކާއި ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމަކީ ވެސް ކުށުގެ ގޮތުގައި ބެލެވޭނެއެވެ.

ކޯޓު އަމުރެއްގެ ދަށުން ނުވަތަ ގާނޫނަކުން ބާރު ލިބިގެން ދޫކޮށްފައިވާ ހުއްދައެއްގެ ދަށުން ހުއްދަ ނެތި ކޮމްޕިއުޓާ ސިސްޓަމަކަށް އެކްސެސްވުން ކުށެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށްވެސް މި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

ސައިބާ ވަޔަލަންސްގެ އަމަލުތަކުގެ ގޮތުގައި މިބިލުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ކޮމްޕިއުޓާ ސިސްޓަމެއް މެދުވެރިކޮށް ކުޑަކުދިންގެ އޮރިޔާން ކާޑު ޝާއިއުކުރުމާއި ކޮމްޕިއުޓާ ސިސްޓަމެއް މެދުވެރިކޮށް ޝާއިއުކުރުމަށްޓަކައި ކުޑަކުދިންގެ އޮރިޔާން ކާޑު އުފެއްދުމާއި ކޮމްޕިއުޓާ ސިސްޓަމެއް ނުވަތަ ކޮމްޕިއުޓާ ޑޭޓާ ސްޓޯރެޖް މީޑިއަމެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުން ހިމެނެއެވެ.

ސައިބާ ކްރައިމާ ގުޅުން ހުރި ކުށްތަކާބެހޭ މައުލޫމާތާއި ހެތްކާ ބެހޭގޮތުން އެހެން ގައުމުތަކާ އެކު ގާނޫނީ އެހީތެރިކަން ބަދަލު ކުރެވޭގޮތް ހެދުމަށްޓަކައި އިސްލާހު ހުށަަހަޅާފައި ވަނީ ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށެވެ.

ބިލުގައި ބުނެފައި ވަނީ މި އިސްލާހު ގެނައުމުގެ ބޭނުމަކީ ސައިބާ ސްޕޭސްގައި ކުރާ ކުށްތައް ރާއްޖޭގައި އިތުރުވަމުން ދިއުމާއި އެފަދަ ކުށްތައް ކުރާ ފަރާތްތަކުން އެ ކުށުގެ އަމަލުތައް ހިންގަމުންދާ ގޮތް، ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އިތުރަށް ފުޅާކުރަމުންދާތީ، އެފަދަ ސައިބަ ކްރައިމް އާއި އެނޫން ވެސް ކޮމްޕިއުޓާ ސިސްޓަމް މެދުވެރިކޮށް ކުރާ އެހެނިހެން ކުށްތަކާއި އިލެކްޓްރޯނިކް ހެކި އެކުލެވިގެންވާ ކުށްތައް ހުއްޓުވައި ފިޔަވަޅު އެޅުމުގައި އެހެން ގައުމުތަކާ އެކު ގާނޫނީ އެހީތެރިކަން ބަދަލުކުރުމާ ގުޅޭގޮތުން ކަނޑައަޅަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުން ކަމަށެވެ.