ހުކުރު ދުވަހު ފްރާންސްގެ ޕެރިހުގައި ފަށާ އޮލިމްޕިކްސްއަކީ ކުޅޭނެ ފަހު މުބާރާތް ކަމަށް އިނގިރޭސި ޓެނިސް ކުޅުންތެރިޔާ އެންޑީ މުރޭ ބުނެފިއެވެ.
އުމުރުން 37 އަހަރުގެ މުރޭ، ޕެރިސް އޮލިމްޕިކްސްގެ ޓެނިސް އިވެންޓްގެ ސިންގަލްސް އަދި ޑަބަލްސް ކެޓަގަރީގައި ވާދަކުރާނެއެވެ. މިއީ އޭނާ ނުކުންނަ ފަސްވަނަ އޮލިމްޕިކް ގޭމްސްއެވެ.
މުރޭ ރިޓަޔާމަންޓް އިއުލާނު ކުރީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ. އޭނާ ކޮށްފައިވާ "އެކްސް" އެއްގައި ބުނީ "ކެރިއަރުގެ ފަހު މުބާރާތަށް ޕެރިސްގައި،" ހުރި ކަމަށެވެ. އޭގެ އިތުރުން އޭނާ ބުނީ ގްރޭޓް ބްރިޓަންގެ އޮލިމްޕިކްސް ޓީމުގައި ހިމެނި، އިނގިރޭސިން ރަމްޒުކޮށްދެވުމަކީ ކެރިއަރުގައި އަބަދުވެސް ލިބޭ އެންމެ ބޮޑު ފަހުރު ކަމަށާއި އެންމެ ފަހު ފަހަރަކަށް އެކަން ކުރަން ކެތް މަދުވެފައި ހުރި ކަމަށެވެ.
ސްކޮޓްލޭންޑަށް އުފަން މުރޭ، އެންމެ ފުރަތަމަ އޮލިމްޕިކްސްގެ ޓެނިސް އިވެންޓްގައި ކުޅުނީ 2008 ވަނަ އަހަރު ބެއިޖިންގައެވެ. އެ ފަހަރު ކުޅުނު ފުރަތަމަ މެޗުގައި ލޫ ޔެން-ސުން އަތުން ފުރަތަމަ ބުރުން ބަލިވެ، ކެޓީއެވެ.
އޭގެފަހުން 2012 ވަނަ އަހަރު ލަންޑަނުގައި ބޭއްވި އޮލިމްޕިކްސްއިން މުރޭ ވަނީ ރަން މެޑަލް ހޯދައިފައެވެ. ފައިނަލުގައި ބަލިކުރީ ރޯޖާ ފެޑެރާއެވެ. އަދި 2016 ވަނަ އަހަރު އާޖެންޓީނާގެ ޖުއާން މާޓިން ޑެ ޕޮޓްރޯ ބަލިކޮށް، ރިއޯގައިވެސް މުރޭ ރަން މެޑަލް ހޯދި އިރު، އޭނާއަކީ ޓެނިހުން ޖެހިޖެހިގެން ދެ ރަން މެޑަލް ހޯދި އިނގިރޭސި ފުރަތަމަ އެތުލީޓެވެ.
މުރޭ، 2019 ވަނަ އަހަރުން ފެށިގެން ފައިބުޑުގެ އަނިޔާއެއްގައި އުޅެމުންދާ އިރު، ދާދިފަހުން ވިމްބަލްޑަންގެ ކުރިން ބުރަކަށްޓަށްވެސް އަނިޔާވެފައިވެއެވެ. އޭގެ ސަބަބުން ސިންގަލްސް އިވެންޓުން އޭނާ ނަން ނެގިއެވެ. އެހެން ނަމަވެސް އުންމީދުކޮށްގެން ހުރީ އެމާ ރަޑުކާނޫއާ އެކު މިކްސް ޑަބަލްސް އިވެންޓް ކުޅުމަށެވެ. އެ އިވެންޓް މުރޭއަށް ގެއްލުނީ ރަޑުކާނޫ ނަން ނެގުމުންނެވެ.
ޓެނިސް
ޓެނިސް
ޓެނިސް
ޓެނިސް