މާ ބޮޑަށް ލަސްވަންދެން ރޭގަނޑު މެޗުތައް ދިގުލައިގެން ދާތީ، އެކަން ހައްލުކޮށްދޭން ޓެނިސް ތަރި ކާލޮސް އަލްކަރާޒް އެދިއްޖެއެވެ.

ގްރޭންޑް ސްލޭމް މުބާރާތްތައް އިންތިޒާމުކުރާ ފަރާތްތަކުގެ ކިބައިން މިކަމަށް އެދިފައިވާ އިރު، ދާދި ފަހުން އަލްކަރާޒް ކުޅުނު ޔޫއެސް އޯޕަން ކުއާޓާ ފައިނަލް މެޗު ވަނީ ދަންވަރު ތިންގަޑި ބަޔާއި ހަމަޔަށް ދެމިގެން ގޮސްފައެވެ. އެމެޗުން އަލްކަރާޒް ބަލިވީ ބެން ޝެލްޓަން އަތުންނެވެ. އެއީ މިހާތަނަށް ގްރޭންޑް ސްލޭމް މެޗެއް އެއްމެ ލަސްކޮށް ނިމުނު އިރެވެ.

އޭގެ ކުރިން ޔޫއެސް އޯޕަންގެ ބައެއް މެޗުތައްވެސް މެންދަމު ދޭއް ޖަހާންދެން ކުޅެން ޖެހިފައިވެއެވެ. އޭގެ އިތުރުންވެސް މެންދުމުން އަނބުރާ އެކެއް ޖަހަންދެން ނޫނީ 12:30 ވާންދެންވެސް ގްރޭންޑް ސްލޭމްގެ ބައެއް މުބާރާތްތަކުގެ މެޗުތައް ކުޅެން ޖެހިފައިވެއެވެ.

އެކަމަށް ވާހަކަ ދައްކަމުން ޒުވާން ތަރި އަލްކަރާޒް ބުނީ އެންމެ ލަސްވެގެން މެޗުތައް ދެމިގެންދާނެ ގަޑިއަކީ ރޭގަނޑު 11:00 ކަމަށް ހަދައިދިނުމަށް އެއީ ވަރަށް ބޮޑަށް އެދޭ ކަމަށެވެ.

"އަހަންނަށް ހީވަނީ އެހާ ލަސްވީމަ އެއީ ދެން ތަންކޮޅެއް ބޮޑުވަރުހެން. އެ މެޗުގައި ބައެއް ސަޕޯޓަރުން ތިބި ނަމަވެސް، ބައެއް ސަޕޯޓަރުން ވަނީ މެޗު ދޫކޮށް ގޮސްފަ. އަވަހަށް ފެށި ނަމަ މުޅި މެޗުގައި ސަޕޯޓަރުން ފުރިފަ އޮންނާނެކަން ޔަގީން. ރޭގަނޑު 11 ޖަހާއިރަށް މެޗު ނިމޭނެވަރަށް ހަދައިދިނިއްޔާ އަހަންނަށް ވަރަށް ރަނގަޅު،" ހަތް ގްރޭންޑް ސްލޭމް ހޯދާފައިވާ އަލްކަރާޒް ބުންޏެވެ.