މިދިޔަ ދެ އަހަރުވެސް ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަން އަރީނާ ސަބަލެންކާ ބަލިކޮށް، އެލޭނާ ރިބަކީނާ ތަށި ހޯދައިފިއެވެ.

ރިބަކީނާގެ ކެރިއަރުގައި ފުރަތަމަ ޔޫއެސް އޯޕަން ތަށި ހޯދައި، އޭނާ ވަނީ މިހާތަނަށް ތިން ގްރޭންޑް ސްލޭމް ކާމިޔާބު ކޮށްފައެވެ. މިހާތަނަށް ރިބަކީނާ ވަނީ 2022 ވަނަ އަހަރުގެ ވިމްބަލްޑަންއާއި އޮސްޓްރޭލިއަން އޯޕަން އަދި ރޭ ހޯދި ޔޫއެެސް އޯޕަން ކާމިޔާބު ކޮށްފައެވެ.

ރޭގެ މެޗަށް ނުކުތް އިރު ދުނިޔޭގެ އަންހެން ޓެނިސް ރޭންކިންގެ އެއްވަނައިގައި ސަބަލަންކާ އޮތް ނަމަވެސް، އެ ނަތީޖާއާއެކު ރިބަކީނާއަށް އެ މަގާމު ލިބިގެންދާނެއެވެ.

ރިބަކީނާ ރޭގެ މެޗުގެ ފުރަތަމަ ސެޓު، 6-4 އިން ގެންދިޔަ ނަމަވެސް، ދެވަނަ ސެޓު ސަބަލެންކާ ވަނީ 5-7 އިން ގެންގޮސްފައެވެ. ރިބަކީނާ ތަށި ހޯދީ ދެން ކުޅުނު ސެޓު 6-2 އިން ގެންގޮސްގެންނެވެ.

މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅުގައި ރިބަކީނާއަށް ސާވިސްތަކުގައި އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް، ފަހުން ހަމަޖެހިލައިގެން އެކަން ރަނގަޅުކުރިއެވެ. ދެވަނަ ސެޓުގައި ސަބަލެންކާގެ ކުޅުން ރަނގަޅުކޮށް، އެ ސެޓު ގެންދިޔަ އެވެ.

އެހެން ނަމަވެސް އަނެއްކާވެސް ބޮޑަށް ހަމަޖެހިލައިގެން ކުޅުނީ ރިބަކީނާއެވެ. އެ ތަފާތު ތިންވަނަ ސެޓުން ފެނުނެވެ. ސަބަލެންކާ އަތުން ގިނަ ގޯސްތަކެއް ހެދި ރިބަކީނާއަށް ތަށި ޔަގީންވިއެވެ.