މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އާ ގަވަރުނަރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އަހުމަދު މުނައްވަރު، މި ވަގުތު ޗައިނާގައި ހުންނެވުމުން އޭނާގެ ނަން ދިރާސާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު އޭނާއާ އިންޓަވިއު ކުރެވޭ ގޮތެއް ނުވިއެވެ.

މުނައްވަރަށް މަޖިލީހުގެ ރުހުން ދެއްވުމަށް އެދިވަޑައިގެން ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވުމުން މަޖިލިސް ރައީސް ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުއްވައިފައެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު މާމިނގިލީ ދާއިރާގެ މެންބަރު ގާސިމު އިބްރާހިމް ވިދާޅުވީ، އިންޓަވިއު ކުރަން ބެއްލެވިއިރު މުނައްވަރު ހުންނެވީ ޗައިނާގައި ކަމަށެވެ. އެ ތަނުގައި ހުންނަވަނިކޮށް ފޯނުންވެސް އެކަންތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.

ގާސިމު ވިދާޅުވީ، މުނައްވަރުގެ ނަން ދިރާސާކުރަން ބޭނުންވާ އެހެން މައުލޫމާތުތައް ބޭންކުތަކާއި އެމްއެމްއޭގެ އިތުރުން އަދިވެސް ކަމާބެހޭ ދާއިރާ އިން ހޯދުމަށް ސިޓީ ފޮނުވަން ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ނަން ދިރާސާކުރުމަށް ކޮމިޓީން ކުރަންޖެހޭ މަސައްކަތް ނިންމައި، އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކޮމިޓީގެ ރިޕޯޓު މަޖިލިސް ތަޅުމަށް ފޮނުވަން ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ.

މުނައްވަރު މިހާރު ހުންނެވީ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު ކަމުގެ މަގާމުގައެވެ. މުނައްވަރުގެ އިތުރުން ރައީސް މުއިއްޒުގެ ތިން ވަޒީރަކު ތިއްބެވީ ޗައިނާގައެވެ. އެއީ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އަދި ކޮންސްޓްރަކްޝަން އެންޑް އިންސްފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.