ރަހުމުކުޑަ ގޮތަކަށް މަރާލާފައި އޮއްވަައި ފެނުނު ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވި ދެ މީހުންނާއި ސަލާމަތްވި ދެ މީހުންގެ މައްސަލަ އިސްތިއުނާފު ކުރިތާ ދެ އަހަރު ފަހުން ހައިކޯޓުން އެ ޝަރީއަތް އިއްޔެ ފަށައިފިއެވެ.

އުމުރުން 29 އަހަރުގެ ޔާމީން ރަޝީދު 23 އޭޕްރިލް 2017 ވަނަ ދުވަހުގެ ދަންވަރު މަރާލީ، އޭނާ ދިރިއުޅުނު މ. ސްޕެޓީއުލާގޭ ސިޑި ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީގެންނެވެ.

އެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ހަ މީހެއްގެ މައްޗަށް ދައުލަތުން އުފުލިއެވެ. އެއީ ހ. އަންނާރުމާގޭ/ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ/ އަހުމަދު ޒިހާން އިސްމާއީލްގެ އިތުރުން ގދ. ގައްދޫ/ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގެ/ ހަސަން ޝިފާޒާއި މ. ތާއިފް/ އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ/ އީސްޓް، ހުސައިން ޒިޔާދެވެ.

އެ މީހުންގެ ތެރެއިން ކުށް ސާބިތުވި ކަމަށް ކަނޑައެޅީ ހައިޝަމް އާއި ޒިހާންގެ މައްޗަށެވެ. ހައިޝަމުގެ މައްޗަށް ކުށް ސާބިތުވީ، ޔާމީން މަރާލަން ދިން ހަމަލާ ރާވައި، ޓާސްކުތައް ހަވާލުކޮށް އަމަލީ ގޮތުން އެކަން ކުރި ފަރާތް ކަމަށް ސާބިތުވުމުންނެވެ. ޒިހާންގެ މައްޗަށް ކުށް ސާބިތުވީ، މި ހަމަލާ ދިނުމުގައި އަމަލީ ގޮތުން އޭނާ ބައިވެރިވެފައިވާކަން ސާބިތުވެގެންނެވެ. އެ ދެ މީހުންވެސް އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އޮތީ ހުކުމްކޮށްފައެވެ.

ދެން ތިބި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރުމުން، އޭގެ ތެރެއިން އިސްމާއިލް ރަޝީދާއި ދިފްރާންގެ ބައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މައްސަލައިން ސަލާމަތްވީ ހަސަން ޝިފާޒާއި ހުސެއިން ޒިޔާދެވެ.

އެ މައްސަލައިގެ އިސްތިއުނާފު ޝަރީއަތް ހައިކޯޓުން އިއްޔެ ފެށީ އެންމެންގެ ބައި އެއްކޮށް ކުރިއަށް ގެންދާ ގޮތަށެވެ. އެގޮތުން އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ ހައިޝަމާއި ޒިހާންގެ މައްޗަށް އިއްވި ޖަލު ހުކުމް އިސްތިއުނާފު ކުރަން އެ މީހުން ހުށަހެޅި މައްސަލައެވެ.

އެ ދެ މީހުންގެ ވަކީލުން ވަނީ، ދަށު ކޯޓުން އެ މައްސަލަ ނިންމާފައިވާ ގޮތް ގޯސްކަމެއް ބުނެ ގިނަ ނުކުތާތަކެއް ފާހަގަކޮށްފައެވެ. އެގޮތުން ހެކިބަސް ދިން ހެކިންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ޗެއިން އޮފް ކަސްޓަޑީގައިވެސް މައްސަލަތައް އުޅޭކަން ފާހަގަކުރިއެވެ. އެހެންވެ ޒިހާނާއި ހައިޝަމްގެ ފަރާތުން އެދުނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ބެލުމަށް އަމުރުކޮށް ދިނުމަށެވެ.

އިއްޔެގެ އަޑުއެހުމަށް ދިފްރާނާއި އިސްމާއިލް ރަޝީދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރި ހުކުމުގެ ބައި ކުރިއަކަށް ނުގެންދެއެވެ. އެހެންވެ، އެ މައްސަލާގައި އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެ ކަމަށް ތިން ފަނޑިޔާރުން ތިއްބަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހަސަން ޝަފީއު އިއުލާން ކުރެއްވިއެވެ. ދެން އެ ބެންޗުގައި އިންނަވަނީ ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިތުރުން ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ.