އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގުގެ ބަޔޯގްރަފީ ފޮތް، މޫލީ މެދުވެރިކޮށް ގަތުމުން، ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ޑެލިވަރީ ކޮށްދޭނެ ކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެފިއެވެ.
އުރީދޫން އިއްޔެ ބުނީ ފުއާދުގެ ބަޔޯގްރަފީ ފޮތުގެ ޕްރީ އޯޑަރަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މޫލީ ވެބްސައިޓުން އެ ފޮތަށް އޯޑަރު ދިނުމުން، އަންނަ ހަފުތާގެ ތެރޭގައި އެ ފޮތް ނެރުމާ އެކު ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ގެއަކަށް އެ ފޮތް ޑެލިވަރީ ކޮށްދޭނެ ކަމަށެވެ. އެ ފޮތުގެ އަގަކީ 200 ރުފިޔާ ކަމަށް އުރީދޫން ބުންޏެވެ.
މި ފޮތް ލިޔުނީ ސަން އޮންލައިންގެ މެނޭޖިން އެޑިޓަރު، ޑިރެކްޓާ ނިއުސް، އަހުމަދު ސާއިލު އަލީއެވެ.
"190 ސަފުހާގެ މި ފޮތުގައި މިހާރު އުމުރުން 69 އަހަރުގެ ފުއާދުގެ ހަޔާތުގެ މުހިންމު ހުރިހާ ވާހަކަތަކެއް ހިމެނޭނެއެވެ. ފުއާދުގެ ތުއްޕުޅުއިރުގެ ދުވަސްތަކުން ފެށިގެން ސްކޫލު ދުވަސްތަކާއި މަތީ ތައުލީމު ހާސިލުކުރެއްވި ދުވަސްތަކުގެ އިތުރުން ގައުމީ ހިދުމަތުގެ ދުވަސްތަކެވެ،" އުރީދޫން ބުންޏެވެ.
ފުއާދަކީ ތަފާސްހިސާބަށް ކުޅަދާނެ މީހެކެވެ. ދިވެހިން އެންމެ ފުރަތަމަ އޭނާ ދަންނަން ވެސް ފެށީ އެ ދާއިރާއިންނެވެ. ރާއްޖެއަށް އަލަށް ކޮމްޕިއުޓަރު ގެނެސްގެން، އޭގެ ބޭނުންކޮށްގެން އޭނާ ބޯހިމެނުމުގެ މަސައްކަތް މުޅިން އާ ހަރުފަތަކަށް ގެންގޮސްފައިވެއެވެ. ފުއާދު ވަނީ ސާކުގެ ސެކްރެޓިއޭޓުގައި ވެސް ވަޒީފާ އަދާކުރައްވައިފައެވެ.
ފުއާދު އެންމެ ބޮޑަށް ދިވެހިންގެ ތެރެއަށް މަޝްހޫރުވެގެން ގޮސްފައިވަނީ އީސީގައި ކުރެއްވި މަސައްކަތުގެ ސަބަބުންނެވެ. ރާއްޖެއަށް ޑިމޮކްރަސީ ތައާރަފުވެ، ދެފުށް ފެންނަ ގޮތަށް އިންތިހާބުތައް ބާއްވަން ގާނޫނު ލާޒިމުކުރުމުން، އެ މަސައްކަތް ފުރިހަމަކޮށް ގެންދެވުމުގައި ފުއާދު އަދާކުރެއްވި ދައުރު، ގިނަ ބަޔަކު ވަނީ ބަލައިގެންފައެވެ.
ފުއާދުގެ ބަޔޯގްރަފީ ލިޔުނު ސާއިލު ބުނީ، ފުއާދުގެ ހިދުމަތްތެރި ހަޔާތުން ގިނަ އިބްރަތްތަކެއް ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން، ސިޔާސީ ގޮންޖެހުންތަކާއި ވާދަވެރިކަމުގައި ފިތި، އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރެވޭ ހާލަތުގައި ވެސް ފުއާދު ދެއްކެވި ހިތްވަރު ފޮތުގައި ބުނެދީފައިވާނެ ކަމަށް ސާއިލް ބުންޏެވެ.
"ވެރީންނަށް ރައްޔިތުންގެ އިތުބާރު ކުޑަވެފައިވާ ޒަމާނެއްގައި ފުއާދަކީ، ދިވެހީންނަށް ލިބުނު މުތެއް. އެއީ ހިންގުމާއި ރޭވުމާއި ތަންފީޒުކުރެއްވުމުގައި އެފަދަ ދެވަނައެއް ނެތް ފަދަ ފަސްމީރުކުރި ރުކެއް. މި ފޮތަކީ އޭނާގެ ހަޔާތުނާމާ. އެންމެ ތުއްތުއިރުން ފެށިގެން މިއަދާ ހަމަޔަށް ހަޔާތުގައި ދިމާވި ހުރިހާ ކަމެއް ހިމެނޭނެ. ހިތާމަތަކާއި އުފާތައް ވެސް. ތަޖުރިބާތަކާއި ގޮންޖެހުންތައް ވެސް. ކާމިޔާބާއި ފިލާވަޅުތަކާއި ލޯތްބާއި ބޭވަފާ ވެސް،" ސާއިލު ބުންޏެވެ.
ސާއިލް ބުނީ އެ ފޮތް ޕްރިންޓުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މި މަސް ތެރޭގައި އެ ފޮތް ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު