ދިރާގާއި ސްޕާކްހަބް އިން ކުރިއަށްގެންދިޔަ "ލީން ސްޓާޓްއަޕް މޯލްޑިވްސް" 2024 އައްޑޫ އެޑިޝަން ވޯކްޝޮޕް ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

"ލީން ސްޓާޓްއަޕް މޯލްޑިވްސް" ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 19 އިން 21 ގެ ނިޔަލަށެވެ. އެ ޕްރޮގްރާމުގައި ރާއްޖޭގައި އިނޮވޭޝަނާއި ވިޔަފާރި ކުރިއެރުވުމަށްޓަކައި ލީން މެތަޑޮލޮޖީތައް ބޭނުންކުރާނެ ގޮތް ދަސްކުރުމަށް ޝައުގުވެރިވި 50 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

ދިރާގުން މިއަދު ބުނީ "ލީން ސްޓާޓްއަޕް މޯލްޑިވްސް 2024" އައްޑޫ އެޑިޝަން އަކީ ޕްރޮޑަކްޓް، ކަސްޓަމަރު އަދި ވިޔަފާރި މޮޑެލް ބިނާކުރުމަށް ބޭނުންވާ "ލީން މެތަޑޮލޮޖީ" އާއި އަމަލީ މަސައްކަތާ ގުޅޭ ގޮތުން ދަސްކޮށްދޭ ބޫޓްކޭމްޕެއް ކަމަށެވެ.

އެ ޕްރޮގްރާމަކީ އުއްމީދީ ޒުވާން ވިޔަފާރިވެރިންނާއި އީޖާދުންނަށް ވިޔަފާރިވެރިކަމާއި އިނޮވޭޝަން ހިންގުމަށް ބޭނުންވާ ޒަރޫރީ އިލްމާއި ވަސީލަތްތަކާއި ވިސްނުން ދަސްކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ދިރާގުން ބުންޏެވެ.

އެ ވޯކްޝޮޕްގެ ބައިވެރިން ވަނީ ލީން މެތަޑޮލޮޖީގެ އުސޫލުތައް އެފަރާތްތަކުގެ މަސައްކަތުގެ އެކި ޕްރޮސެސްތަކާއި ސްޓާޓްއަޕްތަކަށް ބޭނުން ކުރެވިދާނެ ގޮތުގެ އިލްމާއި ހުނަރު ހޯދާފައި ކަމަށް ދިރާގުން ބުންޏެވެ.

އަދި އެ ހަރަކާތުގެ ސަބަބުން ކަސްޓަމާ ވެލިޑޭޝަން އާއި އެކްސްޕެރިމެންޓޭޝަންގެ ޒަރިއްޔާއިން ހިޔާލުތައް ދެނެގަތުމުގެ ތަފާތު ޕްލެޓްފޯމެއް ވެސް ބައިވެރިންނަށް ލިބިގެން ދިޔުމުގެ އިތުރުން ތަފާތު އެކްސްޕެރިމެންޓޭޝަން އުކުޅުތައް މެދުވެރިކޮށް ބައިވެރިންގެ ހިޔާލުތައް ޓެސްޓްކޮށް، އިތުރަށް ފުރިހަމަ ކުރާނެ ގޮތުގެ މައުލޫމާތާއި އަމަލީ ތަޖުރިބާވެސް އެ ފަރާތްތަކަށް ފޯރުކޮށްދީފައިވާ ކަމަށް ދިރާގުން ބުުންޏެވެ.

މީގެ އިތުރުން، ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ފަރުމާކުރެވެނީ އެތަކެތި ބޭނުންކުރާ ފަރާތްތަކަށް ވިސްނައިގެންތޯ ކަށަވަރުކުރުމަށްޓަކައި ކަސްޓަމަރުންގެ މުއާމަލާތްތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމުގެ މުހިންމު ހަރަކާތްތައް ވެސް ދަސްކޮށްދީފައިވާ ކަމަށް ދިރާގުން ބުންޏެވެ.

ސްޕާކްހަބްގެ ޗީފް ޑިވެލޮޕްމެންޓް އޮފިސަރު ފާތުމަތު ނީޝާ ވިދާޅުވީ "ލީން ސްޓާޓްއަޕް މޯލްޑިވްސް" ވޯކްޝޮޕްގައި ލިބުނު ބޮޑު ތަރުހީބާއި ފާހަގަކޮށްލެވޭ ކުރިއެރުމެއް ފެނުމުން ވަރަށް އުފާވާ ކަމަށެވެ. އަދި މި ޕްރޮގްރާމް އައްޑޫގައި މިފަހަރު ބޭއްވުމަކީ މުޅި ރާއްޖޭގައި ވެސް ހަރުދަނާ ސްޓާޓްއަޕް ސަގާފަތެއް ގާއިމްކުރުމަށް ދޭ އަހަމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ އިނޮވޭޝަންގެ ސަގާފަތެއް އުފައްދައި، ލޯކަލް ސްޓާޓްއަޕް އިކޯސިސްޓަމް ގާއިމުކުރުމަށް އެހީތެރިވުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އެއް އަމާޒު ކަމަށެވެ.