ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން އެޓާނީ ޖެެނެރަލް (އޭޖީ) އުނިކުރުމާމެދު އޭނާގެ ހިޔާލު ތަފާތު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ، އެޓާނީ ޖެނެރަލް ނުހިމަނައި ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އެކުލަވާލުމަށްޓަކައި، ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް މިއަދު ހުށަހެޅި ބިލުގެ ބަހުސްގައި ވާހަަކަދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ބާ ކައުންސިލުގައި އެޓާނީ ޖެނެރަލް އިންނެވުން ނުވަތަ ނުއިންނެވުމަކީ ކަންތައްތައް ގޯސްކޮށް ހިނގާނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެޓާނީ ޖެނެރަލްއަކީވެސް އެންމެ މީހެއް ކަމަށާއި ޑިމޮކްރެސީގެ އުސޫލުން ކައުންސިލުގެ ކަންކަން ވޯޓުން ނިންމާއިރު، ބަންޑާރަ ނައިބަށްވެސް ލެވޭނީ އެންމެ ވޯޓެއް ކަމަށްވެސް ވިދާޅުވިއެވެ.
ގާސިމު ތާއީދު ކުރެއްވީ ބާ ކައުންސިލުގައި އެޓާނީ ޖެނެރަލް އިންނެވުމަށެެވެ. ސަބަބެއްގެ ގޮތުގައި ގާސިމު ވިދާޅުވީ ދައުލަތް ހިންގުމުގައި ކޮންމެ މުއައްސަސާއެއްގެވެސް އަދި ކޮންމެ ދާއިރާއެއްގެވެސް ފަހުގެ މައުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެން ދިއުމަކީ ގާނޫނުއަސާސީން އަންގައިދޭ ކަމެއް ކަމަށެވެ.
ވަޒީރުންނާއި އެކިއެކި އެހެނިހެން މަގާމުތައް ގާނޫނުއަސާސީގައި ހިމަނާފައިވަނީ، އިންސާނަކަށް ކަންކަން ބެލޭނީ ވަކިވަރަކަށް ކަމުން ރައީސަށް އެހީތެރިވާނެ ބަޔަކު ތިބެންޖެހޭނެތީ ކަމަށްވެސް ވިދާޅުވިއެވެ.
ގާސިމު ވިދާޅުވީ، ފަނޑިޔާރުން ކުރާ ކަންތައްތަަކަކީ ނުފޫރު ފޯރުވައިގެން ކުރާ ކަންތައްތައް ކަމަށް ދުށުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހަކު ނުފޫޒާއި ބާރު ފޯރުވައިގެން ކަންތައްކުރާ ކަމަށް ބުނުމަކީވެސް އެކަން އޮތް ގޮތް ނޫން ކަމަށެވެ. ނަަމަވެސް ރައީސަކަށް ހުންނަވާ ބޭފުޅަކު ނުފޫޒު ފޯރުވަން ބޭނުންވެއްޖެ ނަމަ ކޮންމެ ގޮތަކުންވެސް އެކަން ކުރައްވާނެ ކަަމަށާއި ދުނިޔޭގެ ހުރިހާ ތަނެއްގެ ގާނޫނުއަސާސީއަށް ބެލި ނަމަވެސް ކަންތައް އޮތީ އެގޮތަށް ކަމަށްވެސް ގާސިމު ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ކަންކަން ރަނގަޅު ކުރުމަށް ބޭނުންވަނީ އިހުލާސްތެރި ނިޔަތް ކަމަށާއި ނަމަވެސް ކަންތައްތައް ބޮއްސުންލައިގެން އަތުން ނެއްޓިގެންދާ ވަރަށް ކަންތައްތައް ދޫކޮށްލެއްވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އެގޮތަށް ވާހަކަ ބެހެއްޓުމުގެ ބޭނުމަކީ ރައީސްގެ ބާރުވެރިކަން ކުޑަކުރާތީ ކަންބޮޑުވުން ނޫން ކަމަށާއި އިންސާފަށް މަގުފަހިވެގެންދަނީ ވެރިއަކަށް ހުންނަ މީހާއަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ދޫކޮށްލައިގެން ކަމަށް ގަބޫލުނުކުރައްވާ ކަަމަށްވެސް ވިދާޅުވިއެވެ.
"ހުރިހާ ބާރުވެރިކަމެއް ދޫކޮށްލުމެއް ނޫން، ކަމެއް އިސްލާހު ކުރެވޭނެ ގޮތަކީ، އިހުލާސްތެރި ނިޔަތް ނެތް މީހަކަަށް އެއްވެސް ކަމެއް ނުކުރެވޭނެ، އިހުލާސްތެރި ނިޔަތެއްގައި ރެޔާއި ދުވާލު ﷲ އަށް ވަކީލުކޮށް މަސައްކަތް ކުރާ މީހާއަށް ﷲ ކާމިޔާބު ދެއްވާނެ، އެގޮތުގައި ރައީސް މުއިއްޒު މަސައްކަތް ކުރައްވާނެ ކަމަށް ބަލައިގަންނަމުން އާދޭހާ އެކީ އަޅުގަނޑު އެދެނީ އެ މަނިކުފާނާ ހަވާލުކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކުރުކޮށް ނިންމާލުމަކީ އަޅުގަނޑުމެން މަޖިލީހުން ބާރުވެރިކަން ހޯދުމުގައި އެ މަނިކުފާނުގެ ކޮސްމެޓިކް ލޯބީގެ ކަތުރަކުން ކަފައިލުމަކީ އެއީ އެއްގޮތަކަށްވެސް އަދި ރަނގަޅު ގޮތެއް ނޫން އަދި އެއިީ އިސްލާހުވުމެއްވެސް ނޫން،" ގާސިމު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު