ބަންގްލަދޭޝްގައި ތިބި ދިވެހީންގެ ހާލު ގާތުން ބަލަމުން އަންނަ ކަމަށާއި ހުރިހާ ދިވެހިންގެ ހާލު ވެސް ރަނގަޅު ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ބަންގްލަދޭޝްގައި ސިވިލް ސާވިސް ވަޒީފާ އަށް މީހުން ނެގުމުގެ ސިޔާސަތުތަކާ ދެކޮޅަށް ކުރި މުޒާހަރާތައް ހޫނުވެ، އެ ގައުމުގެ އާންމު ހާލަތު ގޯސްވެފައިވާ އިރު، ސަރުކާރުން ވަނީ މުޅި ގައުމުގައި ކާފިއު އިއުލާންކޮށްފައެވެ.

މުޒާހަރާތަކުގައި ހިނގާ ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 100 އަށްވުރެ ގިނަ މީހުން މަރުވެފައިވާ އިރު، 1000 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބަންގްލަދޭޝަގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކޮށްފައިވާ ދިވެހީންގެ ހާލު ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. މިގޮތުން ހައިކޮމިޝަނުގައި ރަޖިސްޓްރީވެފައިވާ 90 ދަރިވަރުންނާއި އާއިލާތަކާއި އެކި ކަންކަމުގައި ބަންގްލަދޭޝްގައި ތިބި ދިވެހިންނަށް ގުޅައި ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

"މިވަގުތު ބަންގްލަދޭޝްގައި ތިބި ދިވެހިންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށް ހައި ކޮމިޝަނުން ވަނީ މައުލޫމާތު ދީފައި. ބަންގްލަދޭޝްގެ އުތުރުގެ މެޑިކަލް ސްކޫލްތަކުގައި ކިޔަވަމުންދާ ދެ ދަރިވަރަކު ވަނ،ީ އެ ސްކޫލްތައް ބަންދުކުރުމުން އެނބުރި ރާއްޖެ އަންނަން ގަސްތު ކުރާ ކަމަށް މިމިނިސްޓްރީއަށް އަންގާފައި. އަދި މި ދެ ދަރިވަރުން ބަހުގައި ބަންގްލަދޭޝް ބޯޑަރު ހުރަސް ކުރުމުގައި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނާއި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަނީ އެހީތެރިކަން ފޯރޮކޮށްދީފައި،"މިނިސްޓްރީން ބުންޏެވެ.

މިވަގުތު ބަންގްލަދޭޝުގައި ކާފިއު އިއުލާން ކޮށްފައިވުމުން، ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދީފައިވާ ގޮތަށް ބޭރަށް ނުކުމެ ނޫޅުމަށާއި ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް މިމިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށް މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ބަންގްލަދޭޝްގެ މަޝްރަހު ހޫނުވެ، ކާފިއު އިއުލާންކޮށްފައިވާ އިރު، އެ ގައުމުގެ ސަރުކާރުން ވަނީ ފުލުހުންނަށް "ޝޫޓް އޮން ސައިޓް''ގެ ހުއްދަ ވެސް ދީފައެވެ. އެ ހުއްދައާ އެކު ކާފިއު ވަގުތުތަކުގައި ފުލުހުންނަށް ބަޑިޖެހުމުގެ ބާރު ލިބޭނެ ކަމަށް އޮފިޝަލުން ބުނެއެވެ.

ގައުމުގައި ހަމަޖެހުން ގާއިމުކުރުމަށް ކަމަށް ބުނެ ސަރުކާރުން ވަނީ ބުރާސްފަތި ދުވަހުން ފެށިގެން އިންޓަނެޓާއި ސޯޝަލް މީޑިއާގެ ހިދުމަތް ވެސް ބްލޮކް ކޮށްފައެވެ.