މޯލްޑިވްސް ފައިނޭންސް ފޯރަމް 2024 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމަކީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް އިން އިންތިޒާމްކޮށްގެން ބާއްވާ އިވެންޓެކެވެ.

ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން ބާއްވާ މި އިވެންޓަކީ ރާއްޖޭގައި އެންމެ ގިނަ ދުވަސް ވަންދެން ބާއްވާ އަހަރީ ފައިނޭންސް ފޯރަމެވެ.

ދިރާގުން މިއަދު ބުނި ގޮތުގައި މި އިވެންޓްގައި ރާއްޖޭގެ މާލީ އަދި އިޖުތިމާއީ ދާއިރާ ކުރިއެރުވުމާ ގުޅޭ އެންމެ ފަހުގެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކަމާބެހޭ ފަރާތްތަކާއި ތަޖުރިބާކާރުން ބައިވެރިވާނެއެވެ.

ދިރާގުގެ ފައިނޭންޝަލް ކޮންޓްރޯލާ އާދަމް އާތިފް ވިދާޅުވީ ޕެންޝަން އޮފީހާ ގުޅިގެން މޯލްޑިވްސް ފައިނޭންސް ފޯރަމްގެ ޑިޖިޓަލް ޕާޓްނަރަށް މި އަހަރު ވެސް ދިރާގު ވެގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ދެމެހެއްޓެނިވި މާލީ އަދި އިޖުތިމާއީ ކުރިއެރުމަށް އެކި ތަޖުރިބާކާރުންނާއި އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތައް އެކުގައި މަސައްކަތްކޮށް އެންމެ ފަހުގެ މައުލޫމާތު ދެނެގަތުމަކީ ވަރަށް ބޭނުންތެރި ކަމެއް. އެގޮތުން މި މުހިންމު އިވެންޓަށް ޑިޖިޓަލް އެހީތެރިކަން ފޯރުކޮށްދީ، އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އާތިފް ވިދާޅުވިއެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމް އޮންނާނީ މާދަމާ ކުރުނބާ މޯލްޑިވްސްގައެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އަސާސީ ދާއިރާތަކާއި ހިދުމަތްތައް އިތުރަށް ކުރިއެރުވުމަށް އެހީތެރިވެދޭނެ މަސައްކަތްތަކަށް އެއްބާރުލުންދީ، ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށް ފުރިހަމަ ކުރުމަށް ކަމަށެވެ.